Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ހަބީބު އެޗްއާރްސީއެމަށް އައްޔަން ކުރަނީ

އިލެކްޝަން ކޮމިޝަން (އީސީ) ގެ ކުރީގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި އިސްމާއިލް ހަބީބް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް އައްޔަންކުރަން ނިންމާފައިވާތީ އޭނަގެ ނަން ރައްޔިތުން މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައި ފިއެވެ.

އެ ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ހަބީބު ނަން ރައީސް ހޮއްވަވައި، އެ ނަމާ ގޮތެއް ނިންމައި ދިނުމަށް މަޖިލީހަށް ފޮނުއްވި އެވެ. އެގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަބީބުގެ ނަން ދިރާސާކުރުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް ފޮނުވުމަށް ރިޔާސަތުން ނިންމެވި އެވެ.

ހަބީބަކީ ދެ ދައުރަކަށް އީސީގެ މެންބަރުކަ ކަން ކުރެއްވި ބޭފުޅެކެވެ. އެގޮތުން އޭނަ އީސީގެ މެންބަރަމަށް އައްޔަންކުރީ ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި 13 މާޗް 13، 2014 ގަ އެވެ. އޭގެ ފަހުން ދެވަނަ ދައުރަކަށް އައްޔަންކުރީ އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މާޗް 13، 2019 ގަ އެވެ.

މި އަހަރުގެ މާޗްގައި ހަބީބުގެ ދެވަނަ ދައުރު ހަމަވި އިރު، އޭނަ އެންމެ ފުރަތަމަ އީސީއާ ގުޅިވަޑައިގަތީ މީގެ 21 އަހަރު ކުރިންނެވެ.

ގާނޫނީ ފަންނުގެ ދައިރާގެ އިތުރުން ތައުލީމީ ދާއިރާގައި ވެސް މަސައްކަތް ކުރެއްވި ހަބީބު ކުރިން ނޫސްވެރިކަން ވެސް ކުރެއްވި އެވެ.