Last Updated: September 8, 06:39
Sunday, September 8, 2024
ދުނިޔެ

ޓްރަމްޕަށް ހަމަލާ ދިނީ 20 އަހަރުގެ ޒުވާނެއް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ރެލީއެއްގެ ތެރޭގައި ހަމަލާދީ އަވަހާރަކޮށްލަން އުޅުނު މީހާގެ ވަނަވަރު އެފްބީއައި އީން ހާމަކޮށްފި އެވެ.

ޕެންސިލްވޭނިއާގެ ބަޓްލާގައި އިއްޔެ އޮތް ރެލީގެ ތެރޭގައި ބަޑިއަކުން ޓްރަމްޕަށް ހަމަލާ ދިނީ އެ އިވެންޓް އޮތް ސަރަހައްދާ މާ ދުރު ނޫން ހިސާބެއްގައި ތިރިކޮށް ހަދާފައިވާ އިމާރާތެއްގެ ފުރާޅުމަތީގައި އޮވެގެންނެވެ.

ޓްރަމްޕްގެ ކަނާތު ކަންފަތް ޒަހަމްވި ހަމަލާދިނީ ތޯމަސް މެތިއު ކްރޫކްސް ކިޔާ 20 އަހަރުގެ މީހެކެވެ.

އޭނަ ޓްރަމްޕަށް ހަމަލާދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސީކްރެޓް ސާވިސްގެ މެންބަރަކު ދިން ހަމަލާއެއްގައި ތޯމަސް ވަނީ މަރުވެފަ އެވެ. ތޯމަސް ދިން ހަމަލާގައި ރެލީގެ ތެރެއިން އެކަކު މަރުވެ، ދެ މީހަކު ވަރަށް ބޮޑަށް ޒަހަމްވި އެވެ. އެ މީހުންނަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

އެފްބީއައި އިން ބުނީ ތޯމަސް އަކީ ކާކުކަން ދެނެގެނެވުނީ އޭނަގެ ޑީއެންއޭ އިން ކަމަށެވެ.

މި އަހަރުގެ ނޮވެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ޓްރަމްޕަށް ދިން ހަމަލާ އެފްބީއައި އިން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ނަމަވެސް މި ހަމަލާގެ އަސްލި "މޯޓިވް" އަކީ ކޮބައިކަން ސާފުނުވާ ކަމަށް އެފްއައި އިން ބުނެ އެވެ.

ތޯމަސްއާ ބެހޭ ގޮތުން ހޯދާފައިވާ މައުލޫމާތުތަކަށް ބަލާ އިރު، ޕެންސިލްވޭނިއާ އަށް ނިސްބަތްވާ ޒުވާނާ އަކީ އެތަނުގެ ނާސިން ހޯމެއްގެ ބަދިގޭގައި މަސައްކަތްކުރަމުން އައި މީހެކެވެ. އަދި އޭނަ ޓްރަމްޕަށް ހަމަލާ ދީފައި ވަނީ އޭއާރް-15 ގެ ރައިފަލަކުންނެވެ. ބެތެލް ޕާކް ހައި ސްކޫލުން 2022 ގައި ގްރެޖްއޭޓްވި ތޯމަސް އަކީ ރިޕަބްލިކަން ޕާޓީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ މީހެކެވެ.

ކުރިން ވެސް އެމެރިކާގެ ރައީސްކަން ކުރައްވާފައިވާ ޓްރަމްޕަށް ދިން ހަމަލާއާ ގުޅިގެން އެމެރިކާގެ ސިޔާސީ މަސްރަހަށް މި ވަގުތު އޮތީ ވަރަށް ބޮޑު ނުތަނަވަސްކަމެއް ވެރިފަ އެވެ.