ދައުލަތުގެ މާލީ ހަރަދު ކުޑަކުރަން ފުރަތަމަ ވެރިން މުސާރަތައް ކުޑަކުރަން އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ގޮވާލައިފި އެވެ.
ފާރިސް މިހެން ވިދާޅުވެފައިވަނީ މި ދުވަސްކޮޅު ގޭތެރޭގައި އަމިއްލަ އަށް ގަރުދިޔަ އާއި ބަތާއި ކައްކައިގެން، ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ރައްޔިތުން ތިރިވެލަންޖެހޭ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ފާރިސް ވިދާޅުވީ ސަރުކާރުގެ މާލީ ޚަރަދު އިޚްލާޞްތެރިކަމާއި އެކީ ކުޑަކުރުމަށް ބޭނުންވާނަމަ، އެކަންކަން ފަށަންޖެހޭނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ވަޒީރުންގެ މަޖިލީހާއި، ސިޔާސީ މަޤާމުތަކުގައި ތިއްބެވި އެންމެހާ ބޭފުޅުންނާއި، އަދި ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކޮށްގެން ކަމަށެވެ.
"ވެރިން އެބަޖެހޭ ނަމޫނާ ދައްކަން،" ފާރިސް ވިދާޅުވި އެވެ.
If the Government is sincere about fiscal austerity and cost-cutting, they should start off with salary cuts starting from President @MMuizzu the cabinet of ministers, all political appointees and MDs of SoEs. @mvpeoplesmajlis MPs should also reduce their take home pay.
We…
— faris 🇲🇻 🇵🇸 (@afarismaumoon) July 15, 2024
ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އާރިފް ވިދާޅުވީ މިއީ ދަތި ދުވަސްކޮޅެއް ނަމަވެސް ރާއްޖެ ބަނގުރޫޓެއް ނުވާ ކަމަށާއި ރާއްޖޭގެ ކުރިމަގު ފެންނަނީ ވަރަށް ފާގަތިކޮށް ކަމަށެވެ.
"މި ދުވަސްކޮޅު މި ޖެހެނީ އެއްކަލަ އަބަދު ޓޭކްއަވޭ ހަދައިގެން ގޭގައި ކެއި ކެއުން ހުއްޓާލާފައި، ކޮންމެވެސް ވަރަކަށް ގޭތެރޭގައި އަމިއްލަ އަށް ގަރުދިޔަ އާއި ބަތާއި ކައްކައިގެން ކާލައިގެން، ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވެލުން،" އާރިފް ވިދާޅުވި އެވެ.
އާރިފް ވަނީ މާލީ ހާލަތާއި ގުޅިގެން ދުވަސްވީ މީހުންނަށްދޭ އިނާޔަތްތަކާއި، ކިޔަވާ ކުދިންނަނަށްދޭ އިނާޔަތްތަކާއި އެކަނިވެރި މައިންނަށްދޭ އިނާޔަތްތައް ކަނޑާނުލާ ކަމަށާއި އެ އިނާޔަތްތައް ކަނޑާލަން އުޅޭ ކަމަށް ބުނެ ބަޔަކު ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށްވެސް ވިދާޅުވެފަ އެވެ.