(ޖުލައި 9 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
ކީރިތި ޤުރުއާން ނަބިއްޔާ މުޙައްމަދު ﷺ ގެ ޙަދީޘްފުޅުތަކުން ތަފްސީރުކުރުން:
ކީރިތި ޤުރުއާން ނަބިއްޔާ މުޙައްމަދު ﷺ ގެ މައްޗަށް ބާއްވައިލެއްވި ހިނދުގައި އެކަލޭގެފާނުގެ ޒިންމާ ބަޔާންކުރައްވަމުން ﷲ
ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
{وَأَنْزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ} [النحل: 44]
މާނައީ: "އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނަށް ޤުރުއާން ބާވައިލެއްވީ، އެއުރެންނަށް ބާވައިލެއްވި ތަކެތި، މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށް ދެއްވުމަށްޓަކައެވެ."
މިއާޔަތުން ބަޔާންވެގެންދާ ފަދައިން ކީރިތި ޤުރުއާން ތަފްސީރުކޮށް މީސްތަކުންނަށް ކީރިތި ޤުރުއާން ބަޔާންކޮަށްދެއްވުމަކީ ނަބިއްޔާ މުޙައްމަދު ﷺ ގެ ކޮނޑުފުޅުގައި ﷲ ތަޢާލާ އަޅުއްވާފައިވާ ޒިންމާއެކެވެ. އެކަލޭގެފާނުގެ ތަފްސީރު ކުރެއްވުމަކީ އެންމެ ޞައްޙަ ތަފްސީރެވެ. އެއީ އެކަލޭގެފާނުގެ ބަސްފުޅުތަކަކީ ﷲ ތަޢާލާގެ އިލްހާމަކަށްވާތީއެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
{وَمَا يَنطِقُ عَنِ الْهَوَىٰ إِنْ هُوَ إِلَاّ وَحْيٌ يُوحَى} [النجم: 3-4]
މާނައީ: "އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއް ކަމުގައި ނޫނީ ނުވެތެވެ."
އެހެންކަމުން ކީރިތި ޤުރުއާނުގެ ތަފްސީރު ހޯދުމަށާއި، ކީރިތި ޤުރުއާން ފަހުމުވުމަށް ނަބިއްޔާ ﷺ ގެ ޙަދީޘްތަކަށް ރުޖޫޢަވުމަކީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމްވެގެންވާ ކަމެކެވެ. ކީރިތި ޤުރުއާނުގެ އާޔަތްތަކުގައިވާ ﷲ ތަޢާލާގެ މުރާދު އެންމެ މޮޅަށް ދެނެވަޑައިގަންނަވާނީ ޝައްކެއްވެސް ނެތް ގޮތުގައި އެކަލާނގެ ރަސޫލާއެވެ.
ކީރިތި ޤުރުއާން ތަފްސީރުކުރެއްވުމުގައި ނަބިއްޔާ ގެ އަރިހުން އެކި އުސްލޫބުތައް ރިވާވެގެންވެއެވެ:
* އާޔަތާއި ގުޅޭ ތަފްސީރު އެންމެ ފުރަތަމަ ބަޔާން ކުރެއްވުމަށް ފަހު، ދެން އާޔަތް ކިޔަވާ ވިދާޅުވުން
* އާޔަތް ފުރަތަމަ ވިދާޅުވުމަށްފަހު، ދެން އޭގެ ތަފްސީރުބަޔާންކޮށް ދެއްވުން
* ޞަޙާބީއަކަށް އާޔަތެއްގެ ތަފްސީރާއިމެދު ސުވާލެއް އުފެދުމުން ނަބިއްޔާ ﷺ އާޔަތް ތަފްސީރުކޮށްދެއްވުން
* އާޔަތެއްގެ ތަފްސީރުގައި ބަޔާންކުރެވިދާނެ ކަމެއް ނަބިއްޔާ ﷺ ބަޔާންކޮށްދެއްވުން
* ކީރިތި ޤުރުއާނުގެ އާޔަތެއް ބާއްވައިލެއްވުމާއި ވިދިގެން ނަބިއްޔާ ﷺ ވަކިގޮތަކަށް ޢަމަލުކުރެއްވުން (ނުނިމޭ)
ނޯޓް: މިއީ ޝެއިހް އަހުމަދު ރިމާޒުގެ ލިޔުއްވުމެކެވެ.