Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ކައުންސިލްތަކުން މެދު ރާސްތާ ބަޖެޓް ފޮނުވަން އަންގައިފި

ރަށު ކައުންސިލްތަކުން 2025-2027 އަށް ލަފާކުރާ މެދުރާސްތާ ބަޖެޓެއް އެކުލަވާލައި ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށް އެ އަންގައިފިއެވެ.

އެކަން އެންގީ މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ސޮއިކުރައްވާ ނެރުއްވި ސާކިއުލާއެއްގަ އެވެ.

އެ ސާކިއުލާގައި ވަނީ ކައުންސިލްތަކުން 2025-2027 އަށް ލަފާކުރާ މެދުރާސްތާ ބަޖެޓު ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީ އަށް ހުށަހަޅަން އަންގައިފަ އެވެ.

ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރާ އިރު ދައުލަތުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީ އާއި ސަރުކާރުގެ އިދާރާތަކުން ކޮންޑިޝަނަލް ގްރާންޓްގެ ގޮތުގައި ދޭ ހިލޭ އެހީ އާއި ކައުންސިލްތަކުގެ ޓްރަސްޓް ފަންޑް އަދި ކައުންސިލްތަކަށް ލިބޭ އިތުރު އާމްދަނީ އެނގެން އޮންނަން ވާނެ ކަމަށް ސާކިއުލާގައި ބުންޏެވެ.

އަދި ކައުންސިލްތަކަށް ދައުލަތުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީގެ ބަޖެޓު ތައްޔާރު ކުރަން ޖެހޭނީ މި އަހަރުގެ މެދުރާސްތާގެ ބަޖެޓާއި 2025 ވަނަ އަހަރުގެ ފިސްކަލް ސްޓްރެޓެޖީގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށް ލަފާކޮށްފައިވާ އަދަދުތަކަށްވުރެ އިތުރު ނުވާނެ ގޮތަށް ކަމަށް ވެސް ބުނެއެވެ.