އެމެރިކާގެ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕްގެ ރަނިންމޭޓް އިއުލާންކޮށްފި އެވެ.
އޭނަގެ ރަނިންމޭޓް އިއުލާންކުރީ އިއްޔެ ފެށި ރިޕަބްލިކަން ނެޝަނަލް ކޮންގްރެސް އާރްއެންސީ) ގަ އެވެ. ޓްރަމްޕްގެ ރަނިންމޭޓަކީ އޮހައިއޯގެ ސެނެޓަރު ޖޭޑީ ވޭންސް އެވެ.
މީޑިއާތަކުން ބުނީ ޓްރަމްޕްގެ ރަނިންމޭޓް ހޮވީ ރިޕަބްލިކަން ޕާޓީގެ ތެރޭގައި ވަރަށް ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހު ކަމަށެވެ. އެހެންވެ މިއީ ރަނގަޅު ހޮވުން ކަމަށް ޓްރަމްޕް ދެކެވަޑައިގަންނަވާ ކަމަށެވެ. އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ ވޭންސް އަކީ ކުރިން ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ޓްރަމްޕަށް ރައްދުކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.
އެގޮތުން ޓްރަމްޕަކީ "އެމެރިކާގެ ހިޓްލަރު" ގެ ގޮތުގައި ސިފަކުރައްވާފައިވެ އެވެ.
ޓްރަމްޕްގެ ރަނިންމޭޓްކަން ލިބިވަޑައިގަތުމާ ގުޅިގެން ވާންސް ،39، ވިދާޅުވީ ކުރިން ޓްރަމްޕާ ބެހޭ ގޮތުން އޭނަ ދެއްކެވުނީ ގޯސް ވާހަކަތަކެއް ކަމަށާއި ޓްރަމްޕަކީ މިހާރު އެމެރިކާ އެންމެ ބޭނުންވާ ފަދަ ލީޑަރެއް ކަމަށެވެ. އެހެންވެ މި އަހަރުގެ އިންތިހާބު ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން ވެސް އޮތް ކަމަށް ވިދާޅުވި އެވެ.
ޓްރަމްޕް 2016-2020 އަށް ވެރިކަން ކުރެއްވި އިރު، ނައިބު ރައީސަކީ މައިކް ޕެންސް އެވެ.
މި އަހަރުގެ އިންތިހާބަކީ ވެރިކަމަށް ވާދަކުރައްވާ ތިން ވަނަ އިންތިހާބެވެ. ދެހާސް ވިހީގައި ވެސް އޭނަ ދެވަނަ ދައުރަކަށް ވާދަކުރެއްވި އެވެ. ނަމަވެސް އޭނަ ބަލިކުރެއްވީ މި ފަހަރު ވެސް ޑިމޮކްރެޓިް ޕާޓީގެ ފަރާތުން އިންތިހާބަށް ވާދަކުރައްވާ ޖޯ ބައިޑެން އެވެ.
ޓްރަމްޕްގެ ރަނިންމޭޓް އިއުލާންކޮށް، ކެމްޕޭން އިތުރަށް ވަރުގަދަކޮށްފައި މި ވަނީ އޭނަ އަވަހާރަކޮށްލަން އާދިއްތަ ދުވަހި ބަޑިން ދިން ހަމަލާއަކުން ސަލާމަތްވެވަޑައިގެންފައި ވަނިކޮށެވެ. ކެމްޕޭން ރެލީއެއްގެ ތެރޭގައި ޓްރަމްޕަށް ދިން ހަމަލާފައި ވަޒަން އެރީ އޭނަގެ ކަނާތު ކަންފަތަށެވެ. ނަމަވެސް ސީރިއަސް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.