Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ދިވެހިން ފަހުރުވެރިވާ ފަދަ ސްޓޭޑިއަމެއް އަޅާނަން

ދިވެހިން ފަހުރުވެރިވާ ފަދަ ސްޓޭޑިއަމެއް މި ސަރުކާރުން އަޅާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް މިނިސްޓަރު ވިދާޅުވީ އެ ސްޓޭޑިއަމް އަޅަން ނިންމާފައި ވަނީ ހުޅުމާލޭގައި ކަމަށެވެ.

"ކުރެހުން އެބަހުރި ކުރަހާފައި ވެސް ޑިޒައިންތަކާ އެއްޗެހި ވެސް. ފައިސާ ލިބޭނެ ގޮތެއްގެ މަސައްކަތް މިހާރު އަޅުގަނޑުމެންނަށް ކުރެވެމުން މި ދަނީ،" ރާފިއު ވިދާޅުވި އެވެ/ "ވީހާ އަވަހަކަށް އަޅުގަނޑުމެން މަސައްކަތް ފަށާނަން."

މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ މި ދައުރުގެ ތެރޭގައި އެ ސްޓޭޑިއަމް ހަދައި ނިންމާނެ ކަމަށެވެ. އަދި އެ ތަން ރާއްޖޭގެ "އައިކޮނިކް" ތަނަކަށް ވުމަކީ އުންމީދެއް ކަމަށް ވިދާޅުވި އެވެ.

ރާފިއު ވިދާޅުވީ ކުރިން ވެސް ހުޅުމާލޭގައި ސްޓޭޑިއަމެއް އަޅަން ބިމެއް ކަނޑައަޅާފައި އޮތް ކަމަށެވެ. އަދި މި ސަރުކާރު އައި އިރު އެ ބިން އޮތީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެހެންވެ ސްޕޯޓްސް މިނިސްޓްރީގެ އެދުމުގެ މަތިން އެ ބިން އެ މިނިސްޓްރީއާ މިހާރު ހަވާލުކޮށްފައި އޮތް ކަމަށް ވިދާޅުވި އެވެ.