Last Updated: November 28, 08:36
Thursday, November 28, 2024
މުނިފޫހިފިލުވުން

ބޮލީވުޑާ އޮތް ގުޅުމެއް ނުކެނޑޭ: ފަވާދު

ބޮލީވުޑްގައި މަސައްކަތް ކުރާނެ ފުރުސަތު ގެއްލުނު ނަމަވެސް އެ އިންޑަސްޓްރީގެ ގާތް މީހުންނާ އޮތް ގުޅުން އެއްގޮތަކަށް ވެސް ނުކެނޑޭ ކަމަށް ޕާކިސްތާންގެ މަޝްހޫރު ތަރި، ފަވާދު ޚާން ބުނެފި އެވެ.

އޭނަ އަލުން ބޮލީވުޑަށް އަންނަން އުޅޭ ވާހަކަ ވާހަކަ މިހާރު ވަރަށް ބޮޑަށް މީޑިއާތަކުގައި ދެކެވެމުން އަންނަ އިރު، ޕިންކްވިލާ އަށް ދިން އިންޓަވިއެއްގައި ފަވާދު ބުނީ ކުރިން ވެސް އޭނައާ ގުޅުން އޮތް ބޮލީވުޑްގެ މީހުންނާ މި ފާއިތުވެ ދިޔަ އަހަރުތަކުގައި ވެސް އޮތް ކަމަށެވެ.

ފަވާދު ފަދަ ޕާކިސްތާންގެ ތަރިންނަށް އިންޑިއާގެ ފިލްމުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ގެއްލުނީ 2016 ގަ އެވެ. އެ އަހަރު ފަވާދުގެ ދެ ހިންދީ ފިލްމެއް ރިލީޒްވި އެވެ. އެއީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ "ކަޕޫރް އެންޑް ސަންސް" އާއި "އޭ ދިލް ހެ މުޝްކިލް" އެވެ.

ފަވާދުގެ ފުރަތަމަ ހިންދީ ފިލްމަކީ ސޯނަމް ކަޕޫރްގެ 2014 ގެ "ހޫބްސޫތަރު" އެވެ.

"ކަރަން ޖޯހަރާއި ރަންބީރް ކަޕޫރާއި ސޯނަމް އަކީ ވަރަށް ގިނައިން ވާހަކަ ދެކެވޭ މީސްމީހުން." އޭނަ ބުންޏެވެ.

ފަވާދު ބުނީ އިންޑިއާގައި މަސައްކަތް ކުރަން ފުރުސަތު ނުލިބުނަސް އެ މީހުންނާ އޮތް އެކުވެރިކަމާއި ގާތް ކަމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އެހެންވެ ބޮލީވުޑާ އޮތް ގުޅުން އެއް އިރެއްގައި ވެސް ނުކެނޑޭ ކަމަށް ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފަވާދުގެ އަތުގައި މިހާރު ބޮލީވުޑްގެ ދެ ޕްރޮޖެކްޓެއް އެބައޮތެވެ. އެއީ ނޮވެމްބަރުގައި ރިލީޒްކުރަން ހަމަޖެހިފައިވާ ކާތިކް އާރިއަންގެ "ބޫލް ބުލައްޔާ 3" ގެ އިތުރުން ވާނީ ކަޕޫރާ އެކީ ކުޅެން ހަމަޖެހިފައިވާ ފިލްމެކެވެ.

ނަމަވެސް ޕިންކްވިލާ އަށް ދިން އިންޓަވިއުގައި އެ ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުން ފަވާދު އެއްވެސް ވާހަކައެއް ނުދައްކަ އެވެ.