Last Updated: August 26, 16:05
Monday, August 26, 2024
ޚަބަރު

އަހުލާގީ ހުރިހާ މައްސަލަތަކުގެ ހައްލަކީ ގުރުއާން

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި މިވަގުތު ހުރި އަހުލާގީ ހުރިހާ މައްސަލަތަކުގެ ހައްލަކީ ކީރިތި ގުރުއާން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިރޭ އޮތް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި މިވަގުތު ހުރި އަހުލާގީ ހުރިހާ މައްސަލަތަކުގެ ހައްލަކީ ކީރިތި ގުރުއާން ކަމަށާއި އެ ފޮތަށް އެނބުރި ދާންޖެހޭ ކަމަށެވެ. އެ ފޮތުގައިވާ އިލާހީ އިރުޝާދުތަކަށް ހުރިހާ މާނައެއްގައި ބަހާއި އަމަލުން ސީދާވާންޖެހޭ ކަމަށާއި ކޮންމެ ދުވަހެއްގެ ދުވަހީ ދިރިއުޅުން ތަމްސީލުވާ ތަރަހައަކީ ގުރުއާން ކަމުގައި ވުމަކީ ރާއްޖެ އަށް އެންމެ ލާބަހުރި ގޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

ގުރުއާނަކީ އުފެދެމުން އަންނަ ޖީލުގެ ތަރުބަވީ ހަޔާތުގެ އެންމެ މުހިއްމު ބައިވެރިޔާ ކަމަށް ހެދުމަށް މި ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބޭނުންފުޅުވަނީ ޒުވާން ޖީލުގެ އަމަލުން މިކަމުގައި ނަތީޖާ ފެންނަން ކަމަށާއި އޭރުން ދިވެހި ފަސްގަނޑުގައި ގުރުއާން އުނގެނުމާއި. އުނގަންނައިދިނުމުގެ ދާއިރާ އަދި އަހުލާގީ ސުލޫކަށް އިންގިލާބީ އިސްލާހެއް ބަދަލެއް އަންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ހުވަފެނަކީ އެ ދުވަސް. ތަސައްވުރަކީ އެ ޒަމާން. އަމާޒަކީ އެ އަމާޒު،" ރައީސް ވިދާޅުވި އެވެ.

ކީރިތި ގުރުއާނަށް ދިވެހި ފަސްގަނޑުން މަތިވެރި ދަރަޖަ އާއި ޖާގަ ދިނުމުގައި މި ސަރުކާރު ފިސާރި ދީލަތި ވާނެ ކަމަށާއި އަދި ނިހާޔަތަށް ޝައުގުވެރިވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.