Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

އައްޑޫ ކަރަންޓް މައްސަލަ ހައްލުކޮށް ދޭން ގޮވާލަން

"ކުރީ ސަރުކާރުން" އައްޑޫގެ ކަރަންޓަށް ހައްލު ހޯދުމަށް ކޮށްފައިވާ މަސައްކަތް އަވަހަށް އަލުން ފަށައި މި ތުރާލުން ރައްޔިތުން މިންޖުކޮށް ދިނުމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ގޮވާލައްވައިފި އެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓް ކެނޑޭ މައްސަލަ މިހާރު ވަރަށް ބޮޑުވެފައިވާތީ މޭޔަރު ވަނީ އެކަމާ ވަރަށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"ގަޑިއަކުން ގަޑިއަކުން އައްޑޫގެ ގުޅިފައިވާ އަވައްތަކުން ކަރަންޓް ކަނޑަމުން ދިއުމުގެ ސަބަބުން އާންމު ފަރާތްތަކާއި ވިޔަފާރި ވެރިންގެ މުދަލަށް ގެއްލުން ލިބި ދިރިއުޅުމަށް ތުރާ ލިބެމުންދާކަން ހިތާމައާ އެކު ފާހަގަ ކުރަން." ސޯޝަލް މީޑިއާ ޕޯސްޓެއްގައި ނިޒާރު ވިދާޅުވި އެވެ.

އައްޑޫގެ ކަަރަންޓްގެ މައްސަލަ ގޯހުންގޯހަށްދާތީ މޭޔަރު ކަންބޮޑުވުން ފާޅުކުރެއްވި އިރު، އައްޑޫގެ ރައްޔިތުން ތިބީ މިހާރު ވަރަށް ބޮޑު ނުތަނަސްކަމެއްގެ ތެރޭގަ އެވެ. މިދިޔަ މަހުން ފެށިގެން ކަރަންޓް ކެނޑޭ މައްސަލަ ދިމާވަމުންދާ އިރު، ނޯޓިހަކާ ނުލައި ކަރަންޓް ކަނޑާތީ އެކަމުން ބޮޑު ގެއްލުމަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓް ދޭ މަރުކަޒީ އިންޖީނުގޭގައު ހުރި ޖެނެރޭޓްތަކުގެ ހާލަތު ދަށްވެ ކަރަންޓް ކެނޑޭ މައްސަލަ އަކީ އައްޑޫ ރައްޔިތުން އުފުލަން ޖެހިފައިވާ އެންމެ ބޮޑު ތަކުލީފެވެ. މިކަމަށް ދުވަހަކު ވެސް އެކަށީގެންވާ ހައްލެއް ހައްލެއް އަންނަ ތަނެއް ނުފެ އެވެ.

އޭގެ ބަދަލުގައި ހާލަތު ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ދަށްވަމުންކަން ފާހަގަކުރެވެ އެވެ.

ފެނަކަ އިން ބުނާ ގޮތުގައި ރަށްރަށުން މިގޮތަށް ކަރަންޓް ކެނޑެނީ އާ ޖަނެރޭޓަރުތައް ހޯދުމާއި މިހާރު ހުރި ޖަނެރޭޓްތައް މަރާމާތުކުރަން ބޭނުންވާ ފައިސާ ނެތުމުގެ ދަތިކަމާ ހެދި އެވެ. އައްޑޫގެ އާބާދީވެ ބޮޑުވެ، ކަރަންޓް ބޭނުން ކުރާ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުންދާ އިރު، ބޭނުންވާ ވަރަށް ކަރަންޓް އުފެއްދޭނެ ގާބިލުކަން ނެތް ކަމަށް ފެނަކަގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މުއާޒު ރަޝީދު ދާދި ފަހުން ވިދާޅުވެފައިވެ އެވެ.

ނަމަވެސް މި ސަރުކާރުން މިހާރު އޮތީ އައްޑޫގެ ކަރަންޓް ހާލަތު ރަނގަޅު ކުރަން ޗައިނާގެ ކުންފުންޏަކާ އެކީ އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ. އެގޮތުން ޗައިނާގެ ޑޮންފަންގް އިލެކްޓްރިކާ އެކީ ފެނަކަ އިން ސޮއިކުރީ އެޕްރީލް 18 ގަ އެވެ.

ފެނަކަ އިން ބުނެފައި ވަނީ އެ ކުންފުނިން ހިންގާ މަޝްރޫއު ނިމުމުން އައްޑު އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ކުރިއަށް އޮތް 20-25 އަހަރަށް ހައްލުވާނެ ކަމަށެވެ.