އެޓާނީ ޖެނެރަލް ނުހިމެނޭ ގޮތަށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
އެ އިސްލާހު ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ޝަރީފެވެ. ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ އިއްވާފައިވާ އިރު އޭގެ މަގުސަދެއް ކަމަށް ބުނެފައި ވަނީ ބާ ކައުންސިލަކީ ގާނޫނީ ވަކީލުންގެ ފަރާތުން އެ މީހުން އިންތިހާބު ކުރާ މަންދޫބުންގެ މައްޗަށް އެކުލެވިގެންވާ ކައުންސިލަކަށް ހެދުމަށެ.
އެގޮތުން އިސްލާހު ހުށަހަޅާފައިވަނީ އޭޖީގެ މަގާމުގައި ހުންނަ މީހަކު ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް އޮތުން ގާނޫނުން އުނިކުރުމަށެވެ. އަދި ކައުންސިލަށް 6 ވަކީލުން އިންތިހާބު ކުރުމުގެ ބަދަލުގައި އެ އަދަދު 7 އަށް އިތުރު ކުރަން ވެސް ހިމަނާފައިވެ އެވެ.
އޭޖީ އެ ކައުންސިލްގައި ނުހިމެނޭ ގޮތަަށް ހަދަނީ، އެއީ ފުރިހަމަ މިނިވަންކަން ލިބިފައިވާ ކައުސިލަކަށް ހެދުމަށް ކަމަށް ބިލުގައި ބުނެފައިވެ އެވެ.
އަލަށް ބާ ކައުންސިލަށް އިތުރުވާ މަގާމަށް މީހަކު އިންތިހާބު ކުރާނީ ގާނޫނަށް އަމަލު ކުރަން ފަށާތާ ދެ މަސް ދުވަސް ތެރޭގަ އެވެ.