Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ގަވަރުނަރު ވަކިކުރަން ކޮމިޓީން ފާސްކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅަން، މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ. ހާޝިމް މަޤާމުން ވަކި ކުރަން ނިންމާފައި ވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް ގަވަރުނަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާ ނުކުރައްވާކަން ފާހަގަކޮށެވެ. ކަމަށް ވިދާޅުވެއެވެ.

ގަވަރުނަރުކަމުން ހާޝިމް ވަކިކުރަން މިއަދި ފާސްވީ މާލިއްޔަތު ކޮމިޓީގެ އިއްތިފާގުންނެވެ.

ގަވަރުނަރަށް ޖަވާބުދާރީވުމަށް ކޮމިޓީން ތިން ފުރުސަތެއް ދިނެވެ. ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ އިއްޔެ އާއި އޭގެ ކުރީ ދުވަހުގެ ބައްދަލުވުމަށް ވެސް ވަޑައިނުގެންނެވޭ ކަން އެމްއެމްއޭ އިން އަންގާފައިވެ އެވެ. އަދި އެންމެ ފަހުން ތިން ފުރުސަތުގައި މިއަދު ވެސް ހާޝިމް ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ.

މަޖިލީހަށް އިއްޔެ ހާޒިރުވެ ވަޑައިނުގަތް ނަމަވެސް އޭނަ އިއްޔެ ސިޓީން ޖަވާބު ދެއްވާފައިވެ އެެވެ. އެ ސިޓީގައި ވިދާޅުވެފައި އޮތީ ސަރުކާރުތަކަށް ގަވަރުނަރުގެ ހައިސިއްޔަތުން ލަފާ ދެއްވާ ކަމަށާއި ނަމަވެސް ސަރުކާރުން އިރުޝާދުތަކުގެ އަޑު ނާއްސަވާ ކަމަށެވެ.

މަރުކަޒީ ބޭންކްގެ ގަވަރުނަރު ކަމަށް ހާޝިމް އައްޔަންކުރީ ސެޕްޓެމްބަރު 8، 2019 ގަ އެވެ. އޭނަ ކުރިން ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.