Last Updated: September 8, 03:07
Sunday, September 8, 2024
ޚަބަރު

ސްޕޯޓްސް އާބިޓްރޭޝަނެއް އުފައްދަނީ

ސްޕޯޓްސް އާބިޓްރޭޝަނެއް އުފެއްދުމަށްޓަކައި ކުޅިވަރާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މިއަދު ވިދާޅުވީ ކުޅިވަރާ ބެހޭ ގާނޫނު އިސްލާހުކުރުމަށް ވަރަށް އަވަހަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށަހަޅާނެ ކަމަށެވެ. އެގޮތުން އެންމެ މުހިއްމު އެއް ކަމަކީ ސްޕޯޓްސް އާބިޓްރޭޝަނެއް އުފެއްދުން ކަމަށް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސްޕޯޓްސް އެކްޓް، ކުޅިވަރުގެ ގާނޫނަށް މިހާރު ގެނެވިގެންދާ ބަދަލުގައި މިހާރު އަޅުގަނޑުމެން ވާނީ ހިމަނާފައި،" ރާފިއު ވިދާޅުވި އެވެ. "އެހެންވީމަ މި ހަފުތާ ތެރޭގައި އިރާދަކުރެއްވިއްޔާ އޭޖީ އޮފީހަށް އަޅުގަނޑުމެން ފޮނުވާ ގޮތަށް، މިހާރު އޮތީ އެމެންޑްމެންޑްސް ނިންމާ މިއަދު ނޫނީ މާދަމާ އޭޖީ އޮފީހަށް ގެންދާ ގޮތަށް."

މިނިސްޓަރު ވިދާޅުވީ ކުޅިވަރު ގާނޫނަށް އިސްލާހު ހުށަހަޅާނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް "ކުޅިވަރު ފެތުރިގެންދާ ގޮތަށް" ކަމަށެވެ.