Last Updated: September 8, 03:07
Sunday, September 8, 2024
ޚަބަރު

ފެނަކައިގެ ހިދުމަތްތައް ހަރުދަނާ ކުރަން މަޝްވަރާކޮށްފި

ފެނަަކައިން ދެމުން އަންނަ ހިދުމަތްތައް ރަނގަޅުކޮށް، ފުޅާކުރުމާ ގުޅޭ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީއާ އެކީ މަޝްވަރާކޮށްފި އެވެ.

އެ ކުންފުނިން ބުނީ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ހަރުދަނާކޮށް އިތުރަށް ފުޅާކުުރުމަށް ސަރުކާރާ ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަޑެވެ.

އެ މަޝްވަރާގައި މިނިސްޓްރީގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރު ތޯރިގް އިބްރާހީމެވެ. ފެނަކައިގެ ފަރާތުން އިސްކޮށް ހުންނެވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު މުއާޒު ރަޝީދެވެ.

ފެނަކައިން ދޭ ހިދުމަތް ފުޅާކޮށް ހަރުދަނާ ކުރަން މަޝްވަރާކުރި އިރު، އެ ކުންފުނިން ކަރަންޓާއި ފެނުގެ ހިދުމަތްދޭ އެކި ސަރަހައްދުތަކުން ހިދުމަތް ކެނޑުމުގެ މައްސަލަ މި ފަހުން ވަރަށް ބޮޑަށް ކުރިމަތިވެފައިވެ އެވެ. އެގޮތުން ރާއްޖޭގެ އެންމެ ދެކުނުން އައްޑޫގައި ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެފައިވާ އިރު، މި ދޭތެރެ އިން ފެނުގެ ހިދުމަތަށް ވެސް ވަރަށް ބޮޑަށް ބުރޫ އަރާފައިވެ އެވެ.

ފެނަކަ އިން ބުނާ ގޮތުގައި އެފަދަ މައްސަލަތައް ދިމާވަނީ ކަރަންޓާއި ފެނުގެ ނިޒާމު ކުރީގެ ސަރުކާރުތަކުގައި ރަނގަޅަށް ބަލަހައްޓަމުން ގޮސްފައި ނުވާތީ ލިބިފައިވާ އެކިއެކި ގެއްލުންތަކާ ހެދި އެވެ. އަދި މި ސަރުކާރު އައި އިރު، ފެނަކަ ދަރުވާފައި އޮތުމުން ކަންކަން ރަނގަޅު ކުރުމަށްޓަކައި މާލީ އެތައް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ފެނަކަ އިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.