މިވަގުތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރަން އުޅުމަކީ ކަންބޮޑުވުމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ގަވަރުނަރުގެ މަގާމުން ހާޝިމް ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅަން، މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.
އެކަމާ ގުޅިގެން ފައްޔާޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ކުރިމަގު ނޭނގުމެއްގެ ތެރޭގައި އޮތް ދަނޑިވަޅެއްގައި ގަވަނަރު މަގާމުން ވަކިކުރަން އުޅުމަކީ ކަންބޮޑުވުމެއް ކަމަށާއި މިފަދަ ކަންކަމަކީ ސަރުކާރުން ދުރަށް ވިސްނުމެއް ނެތި ނިންމާ ނިންމުންތަކެއް ކަމަށެވެ. ނަމަވެސް މިއީ ވިސްނުންތެރިކަމާއެކު ކަންކަން ނިންމަންޖެހޭ ވަގުތެއް ކަމަށާއި މިފަދަ ކަންކަމުން ދުރުވުމަށް ސަރުކާރާއި ޕީއެންސީ އަށް ފައްޔާޒު ވަނީ ގޮވާލާފަ އެވެ.
Removing Governer Hashim during such times of economic uncertainty is concerning. The unsettling of financial institutions is another sign of this govt’s short sighted decision making. A more measured and careful approach is required. I would urge the Gov of President @MMuizzu…
— Fayyaz Ismail (@faya_i) July 17, 2024
ގަވަނަރު ވަކިކުރަން ކޮމިޓީ އަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ. ހާޝިމް މަޤާމުން ވަކި ކުރަން ނިންމާފައި ވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް ގަވަރުނަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާ ނުކުރައްވާ ކަމަށް ތުހުމަތުކޮށެވެ.
ގަވަރުނަރުކަމުން ހާޝިމް ވަކިކުރަން މިއަދި ފާސްވީ މާލިއްޔަތު ކޮމިޓީގެ އިއްތިފާގުންނެވެ.
ގަވަރުނަރަށް ޖަވާބުދާރީވުމަށް ކޮމިޓީން ތިން ފުރުސަތެއް ދިނެވެ. ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ އިއްޔެ އާއި އޭގެ ކުރީ ދުވަހުގެ ބައްދަލުވުމަށް ވެސް ވަޑައިނުގެންނެވޭ ކަން އެމްއެމްއޭ އިން އަންގާފައިވެ އެވެ. އަދި އެންމެ ފަހުން ތިން ފުރުސަތުގައި މިއަދު ވެސް ހާޝިމް ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ.
މަޖިލީހަށް އިއްޔެ ހާޒިރުވެ ވަޑައިނުގަތް ނަމަވެސް އޭނަ އިއްޔެ ސިޓީން ޖަވާބު ދެއްވާފައިވެ އެެވެ. އެ ސިޓީގައި ވިދާޅުވެފައި އޮތީ ސަރުކާރުތަކަށް ގަވަރުނަރުގެ ހައިސިއްޔަތުން ލަފާ ދެއްވާ ކަމަށާއި ނަމަވެސް ސަރުކާރުން އިރުޝާދުތަކުގެ އަޑު ނާއްސަވާ ކަމަށެވެ.
މަރުކަޒީ ބޭންކްގެ ގަވަރުނަރު ކަމަށް ހާޝިމް އައްޔަންކުރީ ސެޕްޓެމްބަރު 8، 2019 ގަ އެވެ. އޭނަ ކުރިން ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.