އެމެރިކާގެ ރައީސް ޖޯ ބައިޑެން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ވައިޓް ހައުސް އިން ބުނީ ބައިޑެން ކޮވިޑަށް ޕޮޒިޓިވްވިއިރު ބަލީގެ އަލާމަތްތައް ފެންނަނީ ވަރަށް ކުޑަކޮށް ކަމަށެވެ. އަދި ބައިޑެން މިވަގުތު ހުންނެވީ ގޭގައި އައިސޮލޭޝަނުގައި ކަމަށްވާއިރު މަގާމުގެ މަސްއޫލިއްޔަތުތައް ގޭގައި ހުންނަވައިގެން އަދާކުރައްވާނެ ކަމަށް ވައިޓް ހައުސް އިން ބުންޏެވެ.
މިއީ ބައިޑެން ،81، ކޮވިޑަށް ޕޮޒިޓިވްވި ތިންވަނަ ފަހަރެވެ. ކޮވިޑަށް ޕޮޒިޓިވްވިއިރު ބައިޑެން ހުންނެވީ ވެކްސިން ފުރިހަމަކޮށްގެންނެވެ.
ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ބައިޑެންގެ ކެމްޕޭނު އިވެންޓުތައް މިހާރު ވަނީ މަޑުޖައްސަލާފަ އެވެ.
އެމެރިކާގައި މިއަހަރުގެ ފަހުކޮޅު ބާއްވާ ރިޔާސީ އިންތިހާބުގައި ރިޔާސީ ދެވަނަ ދައުރަކަށް ޑިމޮކްރެޓިކް ޕާޓީގެ ކުރިމަތިލައްވާފައިވާ ބައިޑެންގެ ސިއްހީ ހާލަތު ހުރިގޮތުން ރިޔާސީ ޓިކެޓް އެހެން ބޭފުޅަކަށް ދިނުމަށް ޑިމޮކްރެޓިކް ޕާޓީގެ ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން އަންނަނީ ގޮވާލަމުންނެވެ.
މި ވާހަކަތަކާ ގުޅިގެން ބައިޑެން ވަނީ ސިއްހީ އެއްވެސް ބައްޔެއް ޖެހިފައިވާ ކަމަށް ޑޮކްޓަރުން ބުނެފިނަމަ ރިޔާސީ ރޭހުން ދުރަށް ވަޑައިގަތުމާ މެދު ވިސްނަވާނެ ކަމަށް ވިދާޅުވެފަ އެވެ.