ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އާއިލާގެ ބޭފުޅުންނަށާއި މެންބަރުންނާއެކު ދަތުރު ކުރާ ހުރިހާ އެންމެންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ވީއައިޕީ ލައުންޖު ބޭނުން ކުރެވޭ ގޮތަށް މަޖިލީހުގެ އާންމު ކޮމެޓީން އިއްޔެ ނިންމި ނިންމުން ރޭ ބާތިލުކޮށްފި އެވެ.
އާންމުންގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވުމާ ގުޅިހެން އެ ނިންމުން ބާތިލުކުރީ ރޭ ކޮމިޓީ ބައްދަލުވުމެއް ބޭއްވުމަށް ފަހު އެވެ.
މަޖިލިސް މެންބަރުންނާއެކު ދަތުރު ކުރާ ހުރިހާ އެންމެންނަށް ވީއައިޕީ ލައުންޖުގެ ހިދުމަތް ލިބޭ ގޮތަށް މަޖިލިސް ގަވާއިދަށް ބަދަލު ގެންނަން އިއްޔެ ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމްދީދީ (އައިބީ) އެވެ. އޭނަ ހުށަޙެޅުއްވީ 19 ވަނަ މަޖިލީހުން އެކަމުގައި ނިންމާފައިވާ ގޮތަށް، މަޖިލިސް މެމްބަރުންނަށް ވީއައިޕީ ލޯންޖު ބޭނުން ކުރުމުގައި މެމްބަރުންގެ އާއިލާ ބޭފުޅުންނާއި، މެމްބަރުންނާ އެކު ފުރާ އެންމެންނަށް އެ ހިދުމަތް ފޯރުކޮށް ދިނުމަށެވެ.
އަދި ހުށަހެޅުމަށް ތާއީދުކުރެއްވީ އަލިފުށީ ދާއިރާގެ މެމްބަރު އަބްދުލްލަތީފު އަބްދުއްރަހްމާނެވެ.
ކޮމެޓީގެ އަޢުލަބިއްޔަތުން ފާސްކުރި އެ ނިންމުން ބާތިލު ކުރަން އައިބީ ރޭ ހުށަހެޅުއްވީ ގައުމުގެ މާލީ ހާލަތަށް ރިއާއަތްކޮށް ސަރުކާރުން ގެންގުޅޭ ހަރަދު ކުޑަކުރުމުގެ ސިޔާސަތާ އެއްގޮތަށް އެ ނިންމި ނިންމުން ބާތިލު ކުރުމަށެވެ.
އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒެވެ.
މަޖިލިސް މެންބަރުންނާ އެކު ފުރަންދާ ކޮންމެ މީހަކަށް ވެސް އެއާޕޯޓުގެ ވީއައިޕީ ބޭނުން ކުރެވޭ ގޮތަށް އިއްޔެ އާންމު ކޮމެޓީން ފާސްކުރި ކުރުން ބާތިލު ކުރީ ރޭގެ ކޮމެޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
އާންމު ކޮމެޓީން އިއްޔެ ނިންމި ނިންމުމަކީ 19 ވަނަ މަޖިލީހުގެ އާންމު ކޮމެޓީން ނިންމާފައި އޮތް ނިންމުމެކެވެ. ނަމަވެސް އެ ނިންމުމަށް އޭރު އަމަލުކޮށްފައެއް ނުވެ އެވެ. އެގޮތަށް އެ ނިންމުން ޕާކްކޮށްފައި އޮއްވައި އިއްޔެ އެ ނިންމުމަށް އަމަލު ކުރަން ނިންމުމުން އާންމުންގެ ނުރުހުން މެންބަރުންނަށް އަމާޒުވެފައިވެ އެވެ.
އެއަށް އަމަލު ކުރަން ފެންނަ ކަމަށް ނިންމައި މަޖިލީހުގެ އާންމު ކޮމިޓީން 19 ވަނަ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ ސަމާލު ކަމަށް ގެނެސްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 27 ގަ އެވެ. އެގޮތުން އާންމު ކޮމިޓީގެ އޭރުގެ މުގައްރިރު ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޢަނީ އަބްދުލް ހަކީމު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ވީއައިޕީ ލައުންޖްގެ ހިދުމަތް ލިބޭ ގޮތަށް ހަމަޖެއްސުމަށް ފެންނަ ކަމަށް ކޮމިޓީގެ އިއްތިފާގުން ފާސްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 26 ގައި ބޭއްވި ކޮމިޓީގެ 16 ވަނަ ބައްދަލުވުމުގައި ކަމަށެވެ.