މާވެލް ސްޓޫޑިއޯސްގެ ކާމިޔާބު ސުޕަހީރޯ ފްރެންޗައިޒް "އެވެންޖާސް" ގެ ކުރިއަށް އޮތް ދެ ފިލްމުގެ ޑައިރެކްޝަނާ ރުސޯ ބްރަދާސް ހަވާލުވެދާނެކަމަށް ބެލެވެން ފަށައިފި އެވެ.
މިކަމާ ގުޅޭ ގޮތުން އެ ސްޓޫޑިއޯ އިން މިހާރު އަންނަނީ ޖޯ އާއި އެންތަނީ ރުސޯއާ މަޝްވަރާތަކެއް ކުރަމުން ކަމަށް ހޮލީވުޑްގެ ޚަބަރުުތައް ގެނެސްދޭ މީޑިއާތަކުން ބުނެ އެވެ.
ނަމަވެސް މިކަމާ ގުޅޭ ގޮތުން ރަސްމީކޮށް ރުސޯ ބްރަދާސް އާއި މާވެލް އިން ވެސް ވަކި އެއްޗެއް ނުބުނެ އެވެ.
ފާހަގަކޮޮށްލެވޭ ކަމަކީ އެ ދެ ބައިންނަކީ "އެވެންޖާސް" އެންމެ ފަހުގެ ދެ ފިލްމުގެ ވެސް ޑައިރެކްޓަރުންކަމެވެ. އެއީ 2018 ގެ "އެވެންޖާސް: އިންފިނިޓީ ވޯ" އާއި 2019 ގެ "އެވެންޖާސް: އެންޑްގޭމް" އެވެ. މި ދެ ފިލްމުގެ ތެރެއިން "އެންޑްގޭމް" އަކީ މިހާތަނަށް ބޮކްސް އޮފީހުގައި ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ހޯދުމުގެ ރެކޯޑް އޮތް ފިލްމެވެ.
ދެހާސް ނުވައެއްގެ "އެވަޓާ" ގެ ފަހަތުން "އެވެންޖާސް: އެންޑްގޭމް" ދެވަނައިގައި އޮތީ އެއަށް ލިބުނު 2.799 ބިލިއަން ޑޮލަރާ އެކީގަ އެވެ. އެންމެ ބޮޑު އާމްދަނީގެ ރެކޯޑް އޮތް ފިލްމަކީ 1997 ގެ "ޓައިޓޭނިކް "ގެނެސްދިން ޖޭމްސް ކެމަރޮންގެ "އެވަޓާ" އެވެ. އޭގެ އާމްދަނީ އަކީ 2.923 ބިލިއަނ ޑޮލަރެވެ.
"އެވެންޖާސް" ގެ ކުރިއަށް އޮތް ދެ ފިލްމަކީ 2026 އަށް ތާވަލުކޮށްފައި އޮތް "ދަ ކޭންގް ޑައިނާސްޓީ" އާއި 2027 ގައި ގެނެސްދޭން އޮތް "އެވެންޖާސް: ސީކްރެޓް ވޯސް" އެވެ.
ވެރައިޓީން ބުނީ އެ ދެ ފިލްމު ޑައިރެކްޓްކޮށް ދޭން ރުސޯ ބްރަދާސް އަށް މާވެލް އިން ހުށަހެޅީ "ކޭންގް ޑައިނާސްޓީ" އާ ކުރިން ހަވާލުވި ޑައިރެކްޓަރު ޑެސްޓިން ޑެނިއަލް އާއި "އެވެންޖާސް: ސީކްރެޓް ވޯސް" އާ ހަވާލުވި ޝޯން ލެވީ ފިލްމުތައް ދޫކޮށްލުމުން ކަމަށެވެ.
ރުސޯ ބްރަދާސް ޑައިރެކްޓްކޮށް އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2022 ގެ "ދަ ގްރޭ މޭން" އެވެ. "އެވެންޖާސް" ގެ ދެ ފިލްމުގެ އިތުރުން އެ މީހުން ކުރިން މާވެލް އަށް ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި 2014 ގެ "ކެޕްޓަން އެމެރިކާ: ދަ ވިންޓާ ސޯލްޖާ" އާއި 2016 ގެ "ކެޕްޓަން އެމެރިކާ: ސިވިލް ވޯ" ހިމެނެ އެވެ.