އެކީގައި ބޮލީވުޑަށް ނުކުތް ޖާންވީ ކަޕޫރާއި އިޝާން ޚައްތަރު ދެވަނަ ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މި ދެ ތަރިން އެކީގައި ކުޅޭ ދެވަނަ ފިލްމަކީ ވެސް ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާ އެއްޗެއް ކަމަށެވެ. މި އަހަރުގެ އޮކްޓޯބަރުގައި ބޯޕާލުގައި ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ ފިލްމުގެ ޑައިރެކްޓަރަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި 2015 ގެ "މަސާން" ގެ ޑައިރެކްޓަރު ނީރަޖް ގެވަން އެވެ.
ރަސްމީކޮށް އަދި އިއުލާން ނުކުރާ ފިލްމުގެ ކާސްޓްގައި ޖާންވީ އާއި އިޝާނާ އެކީ މިދިޔަ އަހަރު ރިލީޒްކުރި ސަލްމާން ޚާންގެ "ޓައިގާ 3" ގެ ރޯލެއް ކުޅުނު ވިޝާލް ޖެތުވާ ވެސް ހިމެނެ އެވެ.
ކުރީގެ ބަތަލާ ސްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީ، 27، އާއި ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން، 28، ބޮލީވުޑަށް ނުކުރީ ދަރުމާގެ 2018 ގެ "ދަޅަކް" އިންނެވެ.
ޖާންވީގެ އެންމެ ފަހުގެ ފިލްމަކީ މެއިގައި ރިލީޒްކުރި "މިސްޓަ އެންޑް މިސިޒް މާހީ" އެވެ. އޭނަ ދެން އެންމެ އަވަހަށް ފެންނާނީ އަންނަ މަހުގެ 2 ގައި ގެނެސްދޭ "އުލާޖް" އިންނެވެ. އިޝާންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ޕިއްޕާ" އެވެ.