ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ހައި ޕާފޯމަންސް ކްރިކެޓް ކޭމްޕެއް ފަށައިފި އެވެ.
މި މަހުގެ 13-22 އަށް ކުރިއަށްދާ މި ކޭމްޕަކީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެހީތެރިކަމާ އެކީ ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މީގެ ޓްރެއިނިންތައް ކުރިއަށް ގެންދަނީ އޮސްޓްރޭލިއާގެ މަޝްހޫރު ހައި ޕާފޯމަންސް ކޯޗު އެލަން ކޭމްބެލް ގެ ބެލުމުގެ ދަށުންނެވެ. އޭނަ އަކީ ހައި ޕާފޯމަންސް އަދި ކްރިކެޓް މެނޭޖްމަންޓުގެ ރޮނގުން 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި މީހެކެވެ.
މި ކޭމްޕްގައި މި އަހަރު މެލޭޝިއާގައި ބާއްވާ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރާ ގައުމީ ސްކޮޑުގެ ކުޅުންތެރިންނާއި، 16 އަހަރާއި 19 އަހަރުން ދަށުގެ ސްކޮޑުގެ ހޮވާލެވޭ ކުޅުންތެރިން ބައިވެރިވެ އެވެ. އަދި ބޯޑުގެ އަންހެން ކްރިކެޓް ސްކޮޑްގެ ބައެއް ކުޅުންތެރިން ވެސް ބައިވެރިވާނެއެވެ.
މިއީ ކްރިކެޓް ބޯޑުގެ "ޓުވާޑުސް 2030" ޕްރޮގްރާމްގެ ދަށުން ހިނގޭ ކޭމްޕެކެވެ.