Last Updated: October 18, 10:30
Friday, October 18, 2024
ރިޕޯޓް

ހެޔޮލަފާ އެކުވެރިން ވަރަށް މުހިއްމު

ހެޔޮލަފާ އެކުވެރިން އިޚްތިޔާރު ކުރުމަކީ މުހިއްމު ކަމެކެވެ. އެކުވެރިންނަށް ހެޔޮގޮތް ވުމަށް އެދުމާއި ހެޔޮ ދުޢާ ކޮށްދޭންޖެހެއެވެ. ހެޔޮލަފާ އެކުވެރިންނަކީ މަދު ބައެކެވެ. ޤިޔާމަތް ދުވަހުން ހުރިހާ އެކުވެރިން ވާނީ ޢަދުއްވުން ކަމުގައެވެ. ތަޤްވާވެރި، ޞާލިޙް އެކުވެރިން ފިޔަވައެވެ.

ހެޔޮލަފާ އެކުވެރިން ލިބެން ބޭނުންނަމަ ތިބާގެ އީމާންތެރިކަން އިތުރުކުރާށެވެ. އަދި ޞާލިޙް ހެޔޮ ޢަމަލުތައް ކުރުން ގިނަ ކުރާށެވެ. އީމާންވެ، ޞާލިޙް ޢަމަލު ކުރާ މީހަކަށް މީސްތަކުންގެ ލޯބި ލިބޭނެކަން މާތް ﷲ، ކީރިތި ޤުރުއާނުގައި ކަށަވަރުކޮށް ދެއްވައިފައިވެއެވެ. ހެޔޮލަފާ ޞާލިޙު މީހުންގެ ގާތުގައި އިސްވެ މި ދެންނެވި ދެ ޝަރުތު ފުރިހަމަވާ މީހުންގެ މަޤްބޫލުކަން މާތްﷲ އިތުރުކޮށްދެއްވާނެކަން ޤުރުއާނާއި ސުންނަތުގެ ދަލީލުތަކުން އެނގެއެވެ. މިފަދަ އެއް ދަލީލަކީ މަރްޔަމް ސޫރަތުގެ 96 ވަނަ އާޔަތެވެ. އެ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ.

{ إِنَّ ٱلَّذِینَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ سَیَجۡعَلُ لَهُمُ ٱلرَّحۡمَـٰنُ وُدّا }

މާނައީ: “ހަމަކަށަވަރުން، އީމާންވެ، ޞާލިޙު ޢަމަލުތައް ކުޅަމީހުން (ދަންނާށެވެ!) ރަޙްމާންވަންތަ ރަސްކަލާނގެ، އެއުރެންނަށްޓަކައި ލޯބިލައްވާނެތެވެ.”

މި އާޔަތުން އެނގޭ ގޮތުގައި (މުއުމިނުންގެ) ލޯތްބާއި އިޙްތިރާމަކީ ގަދަކަމުން ލިބޭ އެއްޗެއްނޫނެވެ. މިއީ އިލާހީ ދެއްވުމެކެވެ. އީމާންވެ، ޞާލިޙް ޢަމަލު ކުރާ މީހާ ބުނާ ބަހުގައި އަސަރު ހުންނާނެއެވެ. އީމާންވެ، ޞާލިޙް ޢަމަލު ކުރާ މީހާ ކަމަކަށް އެދެފިނަމަ، އެކަން ކުރުމުގެ ޝައުގުވެރިކަން މާތްﷲ މުއުމިނުންގެ ހިތްތަކުގައި ލައްވާނެއެވެ.

މިފަދަ އަނެއް ދަލީލަކީ އަބޫ ހުރައިރާ ރިވާކުރެއްވި، އަދި ޞަޙީޙް ބުޚާރީގައި އައިސްފައިވާ ޙަދީޘެކެވެ. މި ޙަދީޘްފުޅުގެ މާނައިގައިވެއެވެ. “ﷲ އަޅަކުދެކެ ލޯބިވެވޮޑިގެންފިނަމަ އެކަލާނގެ ޖިބްރީލްގެފާނަށް ދަންނަވަތެވެ. އޭ ޖިބްރީލްގެ ފާނެވެ. ތިމަން ﷲ މިވެނި މިވެނި މީހަކު ދެކެ ލޯބިވެވޮޑިގެންވަމެވެ. ތިބާވެސް އެމީހާ ދެކެ ލޯބިވާށެވެ. ދެން ޖިބްރީލުގެފާނު އެއަޅަކުދެކެ ލޯބިވެލައްވައެވެ. ދެން ޖިބްރީލުގެފާނު އުޑުގެ އަހުލުވެރިންނަށް ގޮވާލައްވަވައެވެ. ހަމަކަށަވަރުން ﷲ މިވެނި އަޅަކުދެކެ ލޯބިވެވޮޑިގަންނަވައެވެ. ފަހެ ތިޔަބައިމީހުން އެއަޅާދެކެ ލޯބިވެލައްވާށެވެ. ދެން އުޑުގެ އަހުލުވެރިން އެއަޅަކުދެކެ ލޯބިވެލައްވައެވެ. އެއަށްފަހު އެއަޅަކަށް ބިމުގައި މަޤްބޫލުކަން ލައްވައެވެ.“ (ޞަޙީޙް ބުޚާރީ 3209)

މިޙަދީޘްފުޅުން ދޭހަވާ ގޮތުގައި ﷲގެ ލޯބިވެވޮޑިގަތުން ލިބިއްޖެ އަޅަކަށް އުޑާއި ބިމުގެ އަހުލުވެރިންގެ ލޯބި ލިބިގެންދާނެއެވެ. ކޮންފަދަ ނިޢުމަތެއްތޯއެވެ!

މިފަދަ އަނެއް ދަލީލަކީ އިމާމު ސުފްޔާނުއްޘައުރީގެ ބަސްފުޅެކެވެ.

އިމާމު ސުފްޔާނުއްޘައުރީ ވިދާޅުވިއެވެ.”ތިބާ، ތިބާއާއި މާތް ﷲ އާއި ދެމެދުގައިވާ ގުޅުން ރަނގަޅުކޮށްލާށެވެ. އޭރުން ﷲ، ތިބާއާއި އެހެން މީހުންނާއި ދެމެދު އޮންނަ ގުޅުންތައް ރަނގަޅުކޮށްދެއްވާނެއެވެ.”

ހެޔޮލަފާ އެކުވެރީންނަކީ ވަރަށް ބޮޑު ނިޢުމަތެކެވެ. ދުނިޔެވީ ކަންކަމުގައްޔާއި އުޚްރަވީކަންކަމުގައިވެސް ނުހަނު ވާގިވެރިބަޔަކުކަމުގައި އެބައިމީހުންވާނެއެވެ.

ހެޔޮލަފާ ޞާލިޙު އެކުވެރިން، ތިބާ ކާމިޔާބީގެ އައްސޭރިއަށް ގެންގޮސްދޭނެކަން ކަހަފް ސޫރަތުން އެނގެއެވެ.

ތެދުމަގު ގެއްލި ކަސިޔާރު ވެފައިތިބި ކިތައް ކިތައް މީހުންނަށް ހެޔޮލަފާ އެކުވެރީންގެ ސަބަބުން ތެދުމަގު ލިބިފައިވޭ ހެއްޔެވެ؟ ހެޔޮމަގުގައި ޘާބިތުވުމަށް، ރަނގަޅު އެކުވެރިންގެ ދައުރު ބޮޑެވެ.

މާތް ﷲ، އަޅަމެން އެކަލާނގެ ލޯބިވެވޮޑިގެންވާ އަޅުންގެ ތެރެއިން ލައްވާށިއެވެ!

އަދި އަޅަމެންނަށް ހެޔޮލަފާ އެކުވެރިން ދެއްވާނދޭވެ!

ނޯޓް: އިލްމު.އެމްވީ