Last Updated: October 18, 05:52
Friday, October 18, 2024
ޚަބަރު

ވެމްކޯގެ ހިދުމަތް ކުޅުދުއްފުށީގައި ފަށައިފި

ރާއްޖޭގެ ހުރިހާ ރަށްތަކަށް ވެމްކޯގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގައި ވެމްކޯގެ ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙްކޮށްފި އެވެ.

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގެ މައި ހޯލް ގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

ވެމްކޯ އިން ބުނީ ކުޅުދުއްފުށީގައި ވެމްކޯގެ ޚިދުމަތްތައް ފަށާފައިވަނީ ގޭބިސީތަކުން އުފައްދާ ދުވަހު ކުނި ނަގައިގެން ކަމަށެވެ. އަމިއްލަ ގޮތުން ކުނި އުކާލަން ބޭނުންވާ ފަރާތްތަކަށް، ކުނި ބަރުކޮށް ގެންދެވޭ އުޅަނދުގެ ރަޖިސްޓްރީއަށް ބިނާކޮށް ޓަނޭޖަކަށް 108ރ ގެ ގޭޓްފީއެއް ނެގުމަށްފަހު ކުނި އުކާލުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.

މީގެއިތުރުން ވިޔަފާރިތަކާއި ސަރުކާރު މުއައްސަސާތަކަށް ވެސް ކުނިއުކައި ދިނުމުގެ ޚިދުމަތްވެސް ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މިގޮތުން، ވިޔަފާރީތަކުން ލީޓަރަކަށް 0.16ރ، ގޭބިސީތަކުން 150ރ، ސަރުކާރު އޮފީސްތަކުން ލީޓަރަކަށް 1.27ރ، އަދި ކޮމާޝަލް ގޭޓްފީގެ ގޮތުން ޓަނޭޖަކަށް 2660ރ ގެ ރޭޓުން ޚިދުމަތްތަކަށް އަގުކުރެވިގެންދާނެ ކަމަށް ވެމްކޯ އިން ބުނެ އެވެ.

މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާއި ބެހޭ ވުޒާރާ އިން 17 އޯގަސްޓް 2021 ގައި ގެޒެޓުކޮށްފައިވާ ދިވެހި ރާއްޖޭގެ ކުނި މެނޭޖްކުރުމާއި ބެހޭ ޤަވާއިދުގެ 5 ވަނަ އިސްލާހުގައިވާ ގޮތުގެ މަތީން، ޕްލާސްޓިކް، ބަދިގެ ކުނި އަދި އެހެނިހެން ކުންޏަށް ކުނި ވަކިކުރުމަށް ފަހުގައި މެނުވީ އުކާލާ ކުންޏާ ވެމްކޯއިން ހަވާލު ނުވާނެކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ. މިގޮތުން، ގޭޓްފީއެއްގެ ގޮތުގައި ކަނޑައެޅިފައިވާ އަގުތަކަށް، އަގު ނަގަން ފަށާނީ އަންނަ މަހުގެ އެކަކުން ފެށިގެން ކަމަށް ވެމްކޯ އިން ބުނެ އެވެ،

ކުރިއަށް އޮތް ދުވަސްތަކުގައި ބަރުކުނީގެ ބާވަތްތައް އުކާލުމަށް ދޭ ޚިދުމަތް ކަމަށްވާ ކެޕްސް އަދި ކެޕްސް ލައިޓްގެ ޚިދުމަތްވެސް ކުޅުދުއްފުށީގައި ތައާރަފް ކުރެވޭނެ ކަމަށް ވެމްކޯ އިން ބުނެ އެވެ.