ރާއްޖޭގެ އެކި ކަންކޮޅުތަކުން މިއަދު ފެންނަނީ ބާރު ސްޕީޑުގައި ވައުދުތައް ފުއްދާ މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ވެމްކޯގެ ހިދުމަތް ހދ. ކުޅުދުއްފުށި ސިޓީގައި އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އަބްދުއްރަހީމް ވިދާޅުވީ ކޮންމެ ސަރުކާރަކުން ފަށާފައިވާ ކަމަކަށްވީ ނަމަވެސް އެކަމަކީ ރައްޔިތުންނަށް ފައިދާ ހުރި ކަމަކަށް ވާނަމަ އެކަމެއް ރައްޔިތުންނަށް އެންމެ ފައިދާ ހުރިގޮތުގައި ކުރިއަށް ގެންދިޔުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒެއް ކަމަށެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނާއި ގައުމަށް ހިދުމަތް ކުރެއްވުމުގެ މަގުސަދުގައި ކަމަށާއި އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން މިއަދު ފެންނަނީ ބާރު ސްޕީޑުގައި ވައުދުތައް ފުއްދާ މަންޒަރު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެންނަށް ފެންނަމުންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން، ގައުމުގެ މިއަދުގެ ހާލަތު އޮތް ގޮތަށް ބަލާއިރު، ވަރަށް ބާރު ސްޕީޑުގައި ވައުދު ފުއްދަމުންދާ މަންޒަރު،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ސިޓީތަކަށް ރައީސް މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމަށާއި އެގޮތުން އުތުރުގެ މައި ހަބަކީ ކުޅުދުއްފުށި ކަމަށެވެ. އާބާދީ ބޮޑެތި ރަށްތަކަށް އިސްކަން ދީގެން އެ ރަށްތައް ތަރައްގީކޮށްގެން ނޫނީ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރިއަށް ނުގެންދެވޭނެ ކަމަށާއި ތަރައްގީގެ މަގުގައި އެންމެ ބާރަށް ކުރިއަށް ދެވޭނީ ތަރައްގީ އާއި އާބާދީ އެއްފަސްކޮށްގެން ކަމަށް ރައީސް މުއިއްޒު ގަބޫލުފުޅުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ބޭނުންފުޅުވަނީ އާބަން ސެންޓަރުތަކުން މާލެއާ އެއް ފެންވަރުގެ ހިދުމަތްތައް ލިބޭނެ ނިޒާމެއް ގާއިމުކުރުން ކަމަށާއި އޭރުން މާލެއަށް ތޮއްޖެހުން ކުޑަވެ، އެކަށީގެންވާ ކުރިއެރުމާއި ތަރައްގީ ދިވެހިންނަށް ލިބޭނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އެ މަސައްކަތް ރައީސް މުއިއްޒު މެދުކެނޑުމެއް ނެތި ކުރައްވަމުން ގެންދަވާ ކަމަށާއި ކުޅުދުއްފުއްޓަށް ރައީސް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ރަނުން ރަނަށް ފުއްދަވައިދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.