ގަރުދިޔަ އާއި ބަތް ކެވޭނީ ވެސް މަސް ބޭނިގެން ކަމަށާއި މިފްކޯގައި މިއަދު މަހެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފުން ރޭ ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ގަރުދިޔަ އާއި ބަތް ކެވޭނީ ވެސް މަސް ބޭނިގެން ކަމަށާއި ބާނާ މަސް ކިރުން ގާތްގަނޑަކަށް 37 ޕަސެންޓަށް ކުޑަވެފައިވާ ކަމަށެވެ. މިފްކޯ އިން ރޯ މަސް މިހާރު ގަންނަނީ ކިލޯއެއް 14ރ. އަށް ކަމަށްވާއިރު، އައިސް މަސް ގަންނަނީ ކިލޯއެއް 15ރ. އަށް ކަމަށާއި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން އެތައް ދޯންޏެއް މަހަށް ނުފުރާ އެބަތިބި ކަމަށް ޔާމީން ވިދާޅުވި އެވެ.
"މިއަދު މިފްކޯގައި މަހެއް ނެތް. ރޯ މަސް ކިލޯއެއްގެ އަގު އެ އުޅެނީ 80ރ. އަށް ވުރެ މަތީގައި. ކުކުޅު ކިލޯއެއްގެ އަގު މި އުޅެނީ 40ރ. ގައި،" ޔާމީން ވިދާޅުވި އެވެ.
މި ސަރުކާރުން މަސްވެރިކަމަށް އިހުމާލުވަމުންދާ ކަމަށާއި އަދި ހައްގުތައް ހޯދަން ވަކާލާތު ކުރާ މަސްވެރިން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވީ ކަމަށް ބަލައި އެ ދޯނިތަކުން ބާނާ މަސް ނުގަންނަން މިފްކޯ އިން އުޅުނު ކަމަށްވެސް ޔާމީންގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.
"އެހާ ހިސާބަށް ސަރުކާރުގެ ސިޔާސަތު ދިޔައިމާ ދެން ވަކި ގަރުދިޔަކޮޅެއް ކާން ލިބޭނެ ހެއްޔޭ،" ޔާމީން ސުވާލުކުރެއްވި އެވެ.
ޕީއެންސީގެ ހަރުގޭގައި ދާދިފަހުން ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވަނީ މި ދުވަސްކޮޅު ގޭގައި އަމިއްލަ ގަރުދިޔަ އާއި ބަތް ކައްކައިގެން ކައިގެން، ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ރައްޔިތުން ތިރިވެލަން އިލްތިމާސްކޮށްފަ އެވެ.
"މި ދުވަސްކޮޅު މި ޖެހެނީ އެއްކަލަ އަބަދު ޓޭކްއަވޭ ހަދައިގެން ގޭގައި ކެއި ކެއުން ހުއްޓާލާފައި، ކޮންމެވެސް ވަރަކަށް ގޭތެރޭގައި އަމިއްލަ އަށް ގަރުދިޔަ އާއި ބަތާއި ކައްކައިގެން ކާލައިގެން، ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވެލުން،" އާރިފް ވިދާޅުވި އެވެ.