Last Updated: September 8, 06:39
Sunday, September 8, 2024
ދުނިޔެ

ބަންގްލަދޭޝް ހައި ސެކިއުރިޓީ އެލާޓްގައި

ބަންގްލަދޭޝްގައި ދަރިވަރުން ކުރަމުންދާ މުޒާހަރާއާ ގުޅިގެން ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ހައި ސެކިއުރިޓީ އެލާޓް ނެރެފި އެވެ.

ދަރިވަރުން މުޒާހަރާ ކުރަމުންދަނީ ބަންގްލަދޭޝްގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގައި ބައިވެރިވި އެގައުމުގެ ސިފައިންގެ އާއިލާތަކަށް ސަރުކާރުގެ ވަޒީފާތަކުގެ 30 ޕަސެންޓު ދޭން ނިންމުމާ ގުޅިގެންނެވެ.

މުޒާހަރާގެ ބައިވެރިން ހުއްޓުވަން ފުލުހުން ބާރުގެ ބޭނުން ކުރަމުންދާއިރު، އެގައުމުގެ ސަރުކާރުން އިއްޔެ ވަނީ މުޒަހާރާ އަށް ހުރަސް އެޅުމުގެ ގޮތުން އެގައުމުގެ މޮބައިލް އިންޓަނެޓްގެ ހިދުމަތްތައް ވެސް ކަނޑާލާފަ އެވެ.

ސަރުކާރުގެ މި ފިޔަވަޅުތަކާ އެކު މުޒަހަރާ އިތުރަށް ވަރުގަދަ ވެފައިވާއިރު، މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި މިހާތަނަށް 19 މީހަކު ވަނީ މަރުވެފަ އެވެ. މީގެތެރެއިން 13 މީހަކު މަރުވެފައިވަނީ އިއްޔެ ކަމަށްވާއިރު މަރުވި މީހުންގެ ތެރޭގައި ޑާކާ ޓައިމްސްގެ ނޫސްވެރިއަކު ވެސް ހިމެނެ އެވެ.

މުޒަހަރާގެ ބައިވެރިން ހުއްޓުވަން ފުލުހުން އިއްޔެ ވަނީ ރަބަރު ވަޒަނާއި ކަރުނަ ގޭސް ފަދަ ތަކެތި ވެސް ބޭނުންކޮށްފަ އެވެ.

މި މުޒާހަރާ ހޫނުވީ ބަންގްލަދޭޝް ސަރުކާރަށް ތާއީދުކުރާ ގްރޫޕްތަކުން ދަރިވަރުންނާއި ކުރިމަތިލައި ހަމަނުޖެހުންތައް ހިންގުމާ ގުޅިގެންނެވެ.