ރާއްޖޭގައި ކިޔަވައިގެން ތިބި ގާބިލު މީހުންނަށް ފުރުސަތުތައް ފަހިކޮށް ދޭން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި އެހެންވެ އިންސާނީ ވަސީލަތް ގާއިމުކުރަން އަންނަ އަހަރު ފެށިގެން 200 މިލިއަން ސަރުކާރުން ހޭދަކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި ހައި އެޗީވާސް އެވޯޑް ހަފުލާގައި އެ މަނިކުފާނު ވިދާޅުވީ ގައުމަށް ޚިދުމަތްކޮށް ދިނުމަށް ކުރާނެ މީހުން ބިނާކުރަން ގިނަ ދާއިރާތައް ދިވެހިންނަށް ޚާއްސަކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މިކަން އެކި މަރުޙަލާތަކަށް ބަހާލައިގެން ކުރިއަށް އޮތް 4-5 އަހަރުތެރޭ އެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ވަގުތު ވެސް ޚާއްސަ ދައިރާތަކުން ކިޔަވައިގެން އައިސްތިބި އެތަކެއް ޒުވާނުން ވަޒީފާގެ ފުރުޞަތު ނުލިބި ތިބިއިރު، ސަރުކާރުގެ މުސާރަ ކުޑަވުމުން ޕްރައިވެޓް ސެކްޓާގައި ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންވެ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން އަންނަ އަހަރުން ފެށިގެން 200 މިިލިޔަން ރުފިޔާ އިންސާނީ ވަސީލަތް ތަރައްޤީކޮށް ރަނގަޅު ވަޒީފާތަކަށް ބޮޑު މުސާރަ ދިނުމަށް ޚާއްސަ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން މި އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 200 މިލިއަން ރުފިޔާ އެކި ދާއިރާތަކުން ކިޔަވާ ތިބޭ މީހުންނަށް ސަރުކާރުގެ ތެރެއިން ބޮޑު މުސާރަ ދިނުމަށް އަންނަ އަހަރުން ފެށިގެން ކަނޑައަޅާނަން،" ރައީސް ވިދާޅުވި އެވެ. "ނާތީޖާއަކަށް ވާނީ ޕްރައިވެޓް ސެކްޓާ އިން ލިބޭ ވަރަށް ވުރެ ބޮޑު މުސާރައެއް ސަރުކާރުން ލިބުން."
އެމަނިކުފާނު ވިދާޅުވީ މީގެ ސަބަބުން ރާއްޖެއިން ބޭރުގައި މަޑުނުކޮށް ރާއްޖެ އައިސް އެކި ދާއިރާތަކުންނާއި އެކި ފަންނުތަކުން ސަރުކާރުގެ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ ޤައުމު ބިނާކުރުމަށް ފުރުޞަތު ފަހިކޮށް ދޭން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.