އައިޓީ ސިސްޓަމްތަކަށް ޖެހުނު މައްސަލައެއްގެ ސަބަބުން ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ ހިދުމަތްތައް ހުއްޓުމަކަށް އަތުވެއްޖެ އެވެ.
މިއީ މައިކްރޯސޮފްޓް ވިންޑޯސްއާ ގުޅުން ހުރި މައްސަލައެއްކަން މިހާރު ދެނެގަނެވިފައިވާއިރު، އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މައިކްރޯސޮފްޓުން ވަނީ ބުނެފަ އެވެ.
މިކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އޮސްޓްރޭލިއާއަށެވެ. އެގޮތުން އޮސްޓްރޭލިއާގެ ގައުމީ ބްރޯޑްކާސްޓަރާއި އެ ގައުމުގެ އެންމެ ބޮޑު އިންޓަނޭޝަނަލް އެއާޕޯޓާއި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތްދޭ ބޮޑު ކުންފުންޏަކާއި އެތައް ބޭންކެއްގެ ހިދުމަތް މިހާރު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
މީގެއިތުރުން ހޮންކޮން އެއާޕޯޓާއި ލޮސް އެންޖެލިސް އެއާޕޯޓު, އެމްސްޓަޑަމް އެއާޕޯޓް އަދި ބާލިން އެއާޕޯޓުގެ އިތުރުން އިންޑިއާގެ ބައެއް އެއާޕޯޓުތަކުން ވެސް ވަނީ މި މައްސަލަ ރިޕޯޓުކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން ބައެއް އެއާލައިންތަކުން މިހާރު އަންނަނީ ފްލައިޓްތައް ވެސް ކެންސަލް ކުރަމުންނެވެ.