މީގެ ދެ ދުވަސް ކުރިން އައްޑޫ ޕޮޮލިސް ކޮލެޖްގެ ގިނަ ދަރިވަރުންތަކެއް ކާނާ ވިހަވެގެން، ކުއްލި ފަރުވާ ދޭން ޖެހުނު ދަނޑިވަޅުގައި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް އޭއީއެޗް) އިން ކުރި މަސައްކަތްތަކަށް ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުހައްމަދުދީދީ ތައުރީފު ކުރައްވައިފި އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ ގިނަ އަދަދެއްގެ ދަރިވަރުންތަކަކަށް ދިމާވި ކުއްލި ހާލަތުގައި، އެ ދަރިވަރުން ހޮސްޕިޓަލަށް ގެންދިޔަ ވަގުތު އެ ތަނުގައި އެ ވަގުތު ހުންނެވުނު ބޭފުޅެއްގެ ހައިސިއްޔަތުން ފެނިވަޑައިގަތް މަންޒަރުތަކަށް ބަލާ އިރު، ހޮސްޕިޓަލުން ކަންކަން ކުރިއަށް ގެންދިޔައީ ތައުރީފު ހައްގުވާ ފަދަ ގޮތަކަށް ކަމަށެވެ.
"އަޅުގަނޑުގެ ނަޒަރުގައި، ކުއްލި ނުރައްކަލުގެ ހާލަތުގައި ދެވޭ ފަރުވާއަކީ ހޮސްޕިޓަލަކުން އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ޚިދުމަތް. ގިނަ އަދަދެއްގެ ހާލު ދެރަ ބަލިމީހުން އެއްފަހަރާ ގެނެވުނު އިރު، އެވަގުތު ޑިއުޓީގައި ތިބި މަދު ނަރުހުންނާއި ޑޮކްޓަރުން، އަދި ހޮސްޕިޓަލުގެ އެހެނިހެން މުވައްޒަފުންގެ އެހީތެރިކަމާއެކު އެ ހާލަތު ބެލެހެއްޓި ގޮތަކީ ހަމަ ޔަޤީނުންވެސް ތަޢުރީފު ޙައްޤު ކަމެއް،" އާސިޔަތު ވިދާޅުވި އެވެ. "މީގެއިތުރުން، ހޮސްޕިޓަލުގައި ޑިއުޓީގައި ނެތް ނަރުހުންނާއި ޑޮކްޓަރުން ހޮސްޕިޓަލަށް ހާޒިރުވި އަވަސްކަމީ ވެސް ފާހަގަކޮށްލަން ޖެހޭ ކަމެއް."
އޭނަ ވިދާޅުވީ އެ ވަގުތު އެތަނުގައި ހުންނެވުނު ބޭފުޅެއްގެގެ ހައިސިއްޔަތުން، މެޑިކަލްގެ އެހީގެ އިތުރުން ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑަށް އެހީތެރިކަން ބޭނުންވެފައި ތިބި ގިނަ ދަރިވަރުންނަށް، އެ ކުދިންގެ ހިތްވަރު އިތުރު ކުރުމުގެ ގޮތުން އަތުގައި ހިފާލައި، ޞިއްޙީ ފަރުވާ ދޭން ނޭނގުނު ނަމަވެސް، ހިތްވަރުދޭ ބަސްތަކެއް ބުނެލުމުގެ އިތުރުން، އެނގުނު މިންވަރުން އެހީތެރިވެވުނުކަމީ ލިބިވަޑައިގަތް ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އަދި ހޮސްޕިޓަލުގެ މުވައްޒަފުން ދެއްކި ހިތްވަރާއި، ފެނިގެން ދިޔަ އޯގާތެރިކަމާއި، ދައްކައި ދިން ޕްރޮފެޝަނަލް ހުނަރުތަކަށްޓަކައި، އައްޑޫގެ ރައްޔިތެއްގެ ހައިސިއްޔަތުން ފަޚުރުވެރިކަމާ އެކު ނުހަނު ލޯބިން އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން." އާސިޔަތު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ 40 ވަރަކު ކާނާ ވިހަވެގެން އަވަސް ފަރުވާ ދިނުމުގައި އޭއީއެޗުން ދެއްކި ނަމޫނާ، އެންމެ ބަލި މީހަކު ހޮސްޕިޓަލުގެ ކުއްލި ނުރައްކަލުގެ ޑިޕާޓްމަންޓަށް ދިޔަ ނަމަވެސް ދެއްކުން ކަމަށެވެ.
"ސަބަބަކީ ކުއްލި ނުރައްކަލުގެ ހާލަތެއްގައި ބޭނުންވާ ފަރުވާގައި ކޮންމެ ސިކުންތަކީ ވެސް ނުހަނު މުހިންމު ވަގުތުކޮޅަކަށްވުން." އާސިޔަތު ވިދާޅުވި އެވެ.
އޭނަގެ މި ޕޯސްޓް އޭއީއެޗުން ވެސް ހިއްސާކޮށްފައިވެ އެވެ.