Last Updated: September 8, 06:39
Sunday, September 8, 2024
ދުނިޔެ

ބަންގްލަދޭޝްގައި ކާފިއު އިއުލާންކޮށްފި

ބަންގްލަދޭޝްގައި ދަރިވަރުން ކުރަމުންދާ މުޒާހަރާއާ ގުޅިގެން އެގައުމުގައި ކާފިއު އިއުލާންކޮށްފި އެވެ.

ދަރިވަރުން މުޒާހަރާ ކުރަމުންދަނީ ބަންގްލަދޭޝްގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގައި ބައިވެރިވި އެގައުމުގެ ސިފައިންގެ އާއިލާތަކަށް ސަރުކާރުގެ ވަޒީފާތަކުގެ 30 ޕަސެންޓު ދޭން ނިންމުމާ ގުޅިގެންނެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ ތަރުޖަމާނު ނައީމުލް އިސްލާމް ހާން "އޭއެފްޕީ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މުޅި ގައުމުގައި ކާފިއު އިއުލާންކޮށް މަގުތަކުގެ އަމާން ބަލަހައްޓަން ސިފައިން ނެރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މުޒާހަރާގެ ބައިވެރިން ހުއްޓުވަން ފުލުހުން ބާރުގެ ބޭނުން ކުރަމުންދާއިރު، އެގައުމުގެ ސަރުކާރުން އިއްޔެ ވަނީ މުޒަހާރާ އަށް ހުރަސް އެޅުމުގެ ގޮތުން އެގައުމުގެ މޮބައިލް އިންޓަނެޓްގެ ހިދުމަތްތައް ވެސް ކަނޑާލާފަ އެވެ.

ސަރުކާރުގެ މި ފިޔަވަޅުތަކާ އެކު މުޒަހަރާ އިތުރަށް ވަރުގަދަ ވެފައިވާއިރު، މުޒާހަރާގެ ބައިވެރިން މިއަދު ވަނީ ޖަލަކަށް ވަދެ އެތައް ސަތޭކަ ގައިދީން މިނިވަންކޮށް، އެ ޖަލުގައި ރޯކޮށްލާފަ އެވެ. މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި މިހާތަނަށް 105 މީހަކު ވަނީ މަރުވެފަ އެވެ. މީގެތެރެއިން 52 މީހަކު މަރުވެފައިވަނީ މިއަދު ކަމަށް އޭއެފްޕީން ބުނެ އެވެ.

މުޒަހަރާގެ ބައިވެރިން ހުއްޓުވަން ފުލުހުން އަންނަނީ ރަބަރު ވަޒަނާއި ކަރުނަ ގޭސް ފަދަ ތަކެތި ވެސް ބޭނުން ކުރަމުންނެވެ.

މި މުޒާހަރާ ހޫނުވީ ބަންގްލަދޭޝް ސަރުކާރަށް ތާއީދުކުރާ ގްރޫޕްތަކުން ދަރިވަރުންނާއި ކުރިމަތިލައި ހަމަނުޖެހުންތައް ހިންގުމާ ގުޅިގެންނެވެ.