ފަލަސްތީނުގެ ބިންތަކުން އިޒްރޭލުން ފައިބަން ޖެހޭނެ ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު ލަފަ އަކީ ފަލަސްތީނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވަނީ އިރުމަތީ ގުދުސް ހިމެނޭ ގޮތަށް ފަލަސްޠީނުގެ ހިފާފައިވާ ސަރަހައްދުގައި އިސްރާއީލުން ގެންގުޅޭ ސިޔާސަތުތަކާއި އަމަލުތަކުގެ ސަބަބުން ކުރިމަތިވާ ގާނޫނީ ނަތީޖާތަކާ ގުޅޭ ގޮތުން އައިސީޖޭ އިން ދިން މަރުހަބާ ވިދާޅުވެފަ އެވެ.
އެ ލަފާގައި ވަނީ ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެެރިކުރުވުމުގެ ހުރިހާ ހަރަކާތެއް މިހާރުން މިހާރަށް ހުއްޓާލައި ހިފާފައިވާ ބިންތައްކުގައި ވަޒަންވެރިކޮށްފައިވާ މީހުން އެ ތަންތަން ދޫކޮށް ދާންޖެހޭ ކަމަށެވެ.
އެހެންވެ ފަލަސްތީނުގެ ބިންތަކުން އިޒްރޭލުން މިހާރުން މިހާރަށް ފައިބައި އެ ތަންތަނަށް ދީފައި ހުރި ގެއްލުންތަކުގެ ބަދަލު ދޭންޖެހޭ ކަމަށް ރައީސް އެކަމާ ގުޅޭ ގޮތުން ވިދާޅުވި އެވެ. ރައީސް މުއިއްޒު ވަނީ އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކުރަން ރާއްޖެއިން ގޮވައިލާ ގޮވައިލުން ތަކުރާރު ވެސް ކުރައްވައިފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ފަލަސްތީނުގެ ހައްގުގައި އަބަދު ވެސް ރާއްޖެ ދެމިއޮންނާނެ އެވެ.