Last Updated: September 8, 06:17
Sunday, September 8, 2024
ޚަބަރު

މިފްކޯ ހަރުދަނާ ކުރަން ފިޔަވަޅުތަކެއް އަޅަން ނިންމައިފި

ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެެރެއިން މުވައްޒަފުންތަކެއްގެ މުސާރަ އާއި އިނާޔަތްތައް ކުޑަކުރަން މިފްކޯ އިން ނިންމައިފި އެވެ.

ސަރުކާރުގެ މަސް ކުންފުނިން ނެރުމު މެމޯއެއްގައި ބުނީ އުނިކުރަނީ ސީނިއަ މެނޭޖްމަންޓުގެ މުސާރަ ކަމަށާއި އެލަވަންސް ދޭނީ ހައްގު ގޮތުގައި ކަމަށެވެ.

މިފްކޯގެހިންގުން ހަރުދަނާކޮށް، ކުންފުނި އެންމެ އެކަށީގެންވާ ގޮތުގައި ހިންގަން އަޅާ މި ފިޔަވަޅާ ބެހޭ ގޮތުން ބުނީ މުވައްޒަފުންނާ ގުޅޭގޮތުން ކަންކަން ކުރުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމަކުން ނިންމާފައިވާ ކަމަށެވެ.

ކުރަށް ނިންމާފައިވާ ކަންކަމަކީ:

* ކުންފުނީގެ ސީނިއާ އަދި މިޑްލް މެނޭޖްމަންޓުގެ ވެރިންގެ އަސާސީ މުސާރައިން 20 އިންސައްތަ ކުޑަކުރުން
* މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުގައި ހުރި ފަރަގުތައް ކުޑަކުރަން ހުރިހާ ޑިޕާޓްމަންޓްތަކެއްގެ މުސާރައިގެ އޮނިގަނޑު ހާމަނައިޒް ކުރުން
* މަސައްކަތުގެ ޕާފޯމެންސަށް ބަލައި ވަޒީފާއިން ވަކިކުރަން ޖެހޭ މުވައްޒަފުން އުސޫލުތަކާ އެއްގޮތަށް ވަޒީފާއިން ވަކިކުރުން
* ޕްރޮބޭޝަން ގައި ތިބި މުވައްޒަފުންގެ "ޕާފޯމެންސް" އަށް ބެލުމަށްފަހު ކޮންމެހެން ކުންފުންޏަށް ބޭނުންވާ މުވައްޒަފުން ފިޔަވާ އެހެން މުވައްޒަފުން ވަޒީފާއިން ވަކިކުރުން
* 65 އަހަރުވުމަށް ފަހު "ކޮންޓްރެކްޓް" މުވައްޒަފުންގެ ގޮތުގައި ތިބި މުވައްޒަފުންނަށް ތިން މަސް ދުވަހުގެ ނޯޓިސްއެއް ދިނުމަށް ފަހު ވަޒީފާއިން ވަކިކުރުން
* މިހާރު ދެމުންދާ އެލަވަންސްތައް "ހާމަނައިޒް" ކުރުމުގެ ގޮތުން ޑެޕިއުޓީ ހެޑް، އިންޖިނީރިން، ކޭން ޕްރޮޑަކްޝަން، ރިސްކް، ނޮން ޕްރެކްޓިސްއިން ދޭ އެލަވަންސްތައް ހުއްޓާލުން. އަދި ވިލިމާލެ ފެރީ އެލަވަންސް ފިޔަވާ އެހެނިހެން ފެރީ އެލަވަންސްތައް އުނިކުރުން.
* ކޮންޓްރެކްޓް މުވައްޒަފުންގެ ތެރެއިން ކުންފުންޏަށް ކޮންމެހެން ބޭނުންވާ ފަރާތްތައް ފިޔަވާ މި މަހުގެ ފަހުން މުއްދަތު ހަމަވާ ފަރާތްތަކުގެ ކޮންޓްރެކްޓް އާ ނުކުރުން
* އިތުރު ގަޑީގައި މަސައްކަތް ކުރަން ކޮންމެހެން ޖެހޭ ފަރާތްތައް ފިޔަވާ އިތުރު ގަޑީގައި މަސައްކަތް ނުކުރުވުން
* ކުންފުނި "ރައިޓް ސައިޒް" ކުރުމަށް ގެނެވޭ ބަދަލުތަކާ އެކު މުވައްޒަފުން ވަޒީފާއިން ވަކިވާން އެދޭނަމަ ތިން މަސް ދުވަހުގެ ޕެކޭޖަކާ އެކު ވަކިވުމުގެ ފުރުސަތު ހުޅުވާލުން

މިފްކޯގައި ސިޔާސީ މުވައްޒަފުން ބޭތިއްބުމަށް ފަހު އާދައިގެ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށް ބުނާތީ އެކަމާ ގުޅުވައި އެ ކުންފުނިން ބުނީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ކުންފުނީގެ "ބްލީޑްވާ" ދިމާ ދެނެގަތުމާއި އިސްރާފު ކުޑަކުރުމަށް ގެންނަން ނިންމާފައި ވަނީ ހެޔޮ ބަދަލުތަކެއް ކަމަށެވެ.

އެގޮތުން އާދައިގެ އެއްވެސް މުވައްޒަފެއްގެ މުސާރައިން އުނި ނުކުރާނެ ކަމަށް ބުންޏެވެ.

މިފްކޯ އިން ބުނީ މި ކަންކަން ތަންފީޒު ކުރާ އިރު، ކުންފުނިން އެއްވެސް އޮޅުވާލުމެއް ނުގެންގުޅޭނެ ކަަމަށެވެ.