Last Updated: October 18, 09:43
Friday, October 18, 2024
ޚަބަރު

ސްރީ ލަންކަން އެއާލައިންސް ނުވިއްކަން ނިންމައިފި

ގަން އެއާޕޯޓްގައި ސްރީ ލަންކަން އެއާލައިންސްގެ ބޯޓެއް.

ސްރީ ލަންކަން އެއާލައިންސް ނުވިއްކަން ލަންކާ ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުން އެގޮތަށް އިއްޔެ ނިންމީ ގައުމީ އެއާލައިން ވިއްކައިލަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިއުލާން ކުރުމުން، އެ އެއާލައިން ގަންނަން ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ތިން ކުންފުންޏެއް ޝޯޓްލިސްޓް ވެސްކޮށްފައި ވަނިކޮށެވެ. އޭގެ ތެރޭގައި މެލޭޝިއާގެ އެއާ އޭޝިއާ ވެސް ހިމެނޭ ކަމަށް އެޕްރީލް މަހުގެ ތެރޭގައި ބުނެފައިވެ އެވެ.

ސްރީ ލަންކަން އެއާލައިންސް ވިއްކާލަން ހުޅުވައިލުމުން ހަ ކުންފުންޏަކުން ކުރިމަތިލި އެވެ.

ނަމަވެސް އެއާލައިން ވިއްކައިލަންް ހުޅުވާލި ބީލަން ކެންސަލްކޮށް ނިންމުން ބާތިލުކުރިމކަން އިއުލާންކޮށް ބުނީ އެ ގޮތަށް ނިންމީ ކެބިނެޓްގައ މަޝވަވަރާތަކެއް ވެސް ކުރުމަށް ފަހު އެވެ. ނަމަވެސް އެގޮތަށް ނިންމި ސަބަބު ހާމަނުކޮށް އެންޓަޕްރައިޒެސް ރިސްޓްރަކްޗަރިން ޔުނިޓުން ބުނީ ސްރީ ލަންކަން އެއާލައިންސް ހިންގާނެ އިތުރު ގޮތްތަކެއް ސަރުކާރުން މިހާރު ހޯދަމުން އަންނަ ކަމަށެވެ.

ސްރީ ލަންކަން އެއާލައިންސް ގެއްލުމުގައި ހިންގާތާ އަހަރުތަކެއްވެފައިވާ އިރު، އެ އެއާލައިންގެ ދަރަނި ވެސް ބިލިއަން ޑޮލަރަށް ވުރެ މައްޗެވެ.

ސްރީ ލަންކަން އެއާލައިންސް ވިއްކައިލަން ސަރުކާރުން މިދިޔަ އަހަރު ނިންމި އިރު، އެ އެއާލައިންސް ކުރިން އެމިރޭޓްސް ދަށުން ވެސް ހިންގި އެވެ. އެއީ 1998-2008 އަށެވެ. އޭގެ ފަހުން ލަންކާ ސަރުކާރުން އަލުން އެއާލައިންގެ ހިއްސާ ގަނެ، ގައުމީ އޮޕަރޭޓްކުރަން ފެށީ އެވެ.

މި އެެއާލައިންސް ވުޖޫދަށް އައީ މީގެ 43 އަހަރު ކުރިން 1979 ގަ އެވެ. ފްލީޓްގައި މިހާރު 21 ބޯޓް އޮތް ސްރީ ލަންކަން އެއާލައިންސް 35 މަންޒިލަކަށް ދަތުރުކުރެ އެވެ. ސްރީ ލަންކަން އެއާލައިންސްގެ މުވައްޒަފުންގެ އަދަދު 5،440 އަށް ވުރެ ގިނަ އެވެ.