Last Updated: October 18, 11:00
Friday, October 18, 2024
ޚަބަރު

ގިނަ މުއައްސަސާތަކަކީ ކޮރަޕްޝަންގެ ހާލިތަކެއް

ރާއްޖޭގެ ގިނަ މުއައްސަސާތައް އޮތީ ކޮރަޕްޝަންގެ ހާއްޔަށްވެފައި ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ހިންގަމުން އަންނަ "ކުރަނގި" އޮޕަރޭޝަން މުޅި ރާއްޖެ އަށް ފުޅާކުރުމާއި އަތޮޅުތަކުން އައިޑީ ކާޑު ހެދުމަށް ހާއްސަ ޕޯޓަލް "ނާރެސް" އިފުތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގައި މުނިސްޓަރު ވިދާޅުވީ ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިންގާ ބައެއް އިދާރާތަކުގެ މުވައްޒަފުންގެ ފަރާތުން ވެސް ކޮރަޕްޝަނާ ގުޅޭ ކަންކަން ފެނިފައިވާ ކަމަށެވެ.

އެގޮތުން ދާދި ފަހުން ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންތަކެއްގެ ފަރާތުން ފަޅާއެރި ރިޝްވަތު ނެގި މައްސަލަ އަކީ އޭގެ ތެރެއިން އެއް ކަންތައް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އެހެން ނަމަވެސް ރައީސްގެ ވަރަށް ކްލިއާ އިންސްޓްރަކްޝަނެއް، އަޅުގަނޑުމެން ޒީރޯ ޓޮލެރަންސް ޕޮލިސީއެއް އޮތް ކަމެއް އެއީ،" އިހުސާން ވިދާޅިވި އެވެ. "ހާއްސަކޮށް ޔުނިފޯމް އެޅި މުއައްސަސާތަކުގެ ތެރޭގައި މިފަދަ އެއްވެސް ކަމެއްގެ ޒައްރެއްގެ މިންވަރު ވެސް ނުބޭއްވުމަށް."

އޭނަ ވިދާޅުވީ ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ އިދާރާތަކެއްގައޮ މަސައްކަތް ކުރަނީ ނަޒާހަތްތެރި ބައެއްކަން ކަށަވަރު ކުރައްވާނެ ކަމަށާއި އެއްވެސް މީހަކު އެކަމުން އިސްތިސްނާ ނުވާނެ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދޭން ބޭނުންވާ ޔަގީން ކަމަކީ އަޅުގަނޑުމެން މި ނަޒާހަތްތެރިކަމާ އެކީ ރައްޔިތުންގެ ހިދުމަތުގައި ދެމިތިބޭނެކަން." އިހުސާން ވިދާޅުވި އެވެ.