ކްރޮސް ސަބްސިޑީގެ ދަށުން ޓޫރިޒަމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދު ގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، އެ ޕްރޮޕޯސަލް އަކީ ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސާދީ ސިޔާސަތުގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތުގެ ދަށުން ހިންގާ މުހިންމު މަޝްރޫއުތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ބަޔާންކޮށްފައިވާ މަޝްރޫއުގެ މުގާބިލުގައި ރަށްރަށާއި ބިންތަކާއި ފަޅުތަކުގައި ޓޫރިޒަމް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ދީފައިވާ ފުރުސަތެެއް ކަމަށެވެ.
އެގޮތުން ކްރޮސް ސަބްސިޑީ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލާފައި ވަނީ ކްރޮސް ސަބްސިޑީ އުސޫލުން ދޭ ބިމުގެ އަގު 10 މިލިއަން ޑޮލަރަށް ވުރެ އިތުރު ނަމަ އަގު ދެއްކުމުގައި ލުއި ދެވޭ ގޮތަށް ގަވާއިދަށް މި ހަފުތާގައި ބަދަލު ގެނެސްފައިވަނި ކޮށެވެ.
ގަވާއިދަށް ގެނައި ބަދަލާ އެކު ކްރޮސް ސަބްސިޑީ އުސޫލުން ދޫކުރާ ރަށެއް ނުވަތަ ފަޅަކަށް ނުވަތަ ބިމަކަށް ޖެހޭ ޖުމްލަ އަދަދު 10 މިލިއަން ޑޮލަރަށްވުރެ ބޮޑުވާ ނަމަ އެ އަދަދުގެ 50 ޕަސެންޓް ކުލީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ދައްކަން ޖެހޭނެ އެވެ.
ބާކީ ދައްކަން ޖެހޭ ފައިސާ ބަހާލައިގެން މި އަހަރުގެ ނިޔަލަށް ދެއްކޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ