Last Updated: September 8, 06:17
Sunday, September 8, 2024
ޚަބަރު

ޒުވާން ޚަތީބުންގެ އިންޓަވިއު އައްޑޫގައި

ޒުވާން ހަތީބުން ތަމްރީނުކުރުމަށް ހިންގާ ޕްރޮގްރާމްގެ ދެވަނަ ބުރުގެ އިންޓަވިއުތައް އައްޑޫގައި ވެސް ފަށައިފި އެވެ.

ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމަށްޓަކައި ހިންގާ ޚަތީބުންގެ ދެވަނަ ޕްރޮގްރާމަށް ކުރިމަތިލާން ހުޅުވައިލުމުން 206 ފޯމް ހުށަހަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. މާލޭގައި އިންޓަވިއު ފެށީ މި މަހުގެ 14 ގަ އެވެ.

އެގޮތުން އައްޑޫން ކުރިމަތިލި ދަރިވަރުންގެ އިންޓަވިއު އައްޑޫގައި ކުރިއަށްދާ އިރު، އެކަން ކުރިއަށް ދަނީ ހިތަދޫގައި ހުންނަ ކައުންސިލް އިދާރާގަ އެވެ.

އިސްލާމިކް މިނިސްޓްރީ ބުނީ ދެވަނަ ބުރުގެ އިމްތިހާނު ތިން ސަރަހައްދެއްގައި ބާއްވާނެ ކަމަށެވެ. އެގޮތުން މި ފަހަރުގެ ޕްރޮގްރާމްގެ އިމްތިހާނުތައް މާލޭގެ އިތުރުން އޮންނާނީ އައްޑު އާއި އާއި މ. އަތޮޅުގަ އެވެ.

ޚަތީބުން ތަމްރީނު ކުރުމަށް މި އަހަރުގެ ކުރީކޮޅު ހިންގި ފުރަތަމަ ބެޗަށް 160 ޒުވާނަކު ކުރިމަތިލި އެވެ. އަދި ތަމްރީނު ޕްރޮގްރާމް ފެށީ 77 ބައިވެރިންނާ އެކީގަ އެވެ އަދި ޚަތީބުލަމުގެ ހުއްދަ 57 ޒުވާނަކަށް ދިނީ މާޗް މަހުގެ ކުރީކޮޅު އެވެ. އެ ޒުވާނުން މިހާރު އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އިމާމުވެ ހުކުރު ނަމާދު ކުރަމުންނެވެ.

ޚަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފެށި އިރު، މިކަން ހާއްސަކުރީ އޯ ލެވެލް ނުވަތަ އޭ ލެވެލް ނިންމާފައިވާ އަދި މިހާރު ވެސް އެ ގްރޭޑްތަކުގައި ކިޔަވާ ޒުވާނުންނަށެވެ. ނަމަވެސް ޚަތީބުންގެ ޕްރޮގްރާމްގައި ބައިވެރިވެވޭ އުމުރުފުރާ މިހާރު އޮތީ 12 އަހަރަށް ދަކޮށްފަ އެވެ.