Last Updated: September 8, 06:39
Sunday, September 8, 2024

ފޮޓޯ އިން އެ ފެންނަނީ ބަތަލާ މަރިޔަމް މަޖުދާ (މަޖޫ) އާއި އެކްޓަރު ޝަރަފު އަބްދުﷲ އެވެ. މި ދެ މީހުންނަކީ ވެސް މިހާރު ރާއްޖޭގެ ފިލްމީ ދާއިރާ އިން އެންމެ ފާހަގަކޮށްލެވޭ ތަރިންގެ ތެރޭގައި ހިމެނޭ ދެ ތަރިންނެވެ.

ޝަރަފަކީ މިހާރު ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެކްޓަރެވެ. އޭނަ އަށް މިހާރު ގިނަ ފުރުސަތުތަކެއް ލިބެމުން އަންނަ އިރު، މިހާތަނަށް ބައެެއް ފިލްމުތަކާއި ވެބް ސީރީޒްތަކުން ހުނަރު ވަރަށް ބޮޑަށް ދައްކާލާފައިވެ އެވެ. މި އަހަރުގެ މިހާތަނަށް ފަސް ފިލްމެއް ސިނަމާ އަށް އޮލިމްޕަހަށް ގެނެސްފައިވާ އިރު އަހަރުގެ ފުރަތަމަ ތިން ފިލްމަކީ ޝަރަފު މުހިއްމު ރޯލުތަކެއް ކުޅުނު ފިލްމުތަކެކެވެ.

އެއީ ދިވެހި ފިލްމު ސްޓޫޑިއޯސްގެ "މި އިޝްގް" އާއި އައި ފިލްމްސްގެ "ކަންބަޅި" ގެ އިތުން ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ފުރޭތަ" އެވެ. ޝަރަފުގެ ކުރިއަށް އޮތް ފިލްމަކީ ޑާކް ރެއިނުން އޮކްޓޯބަރަށް ތާވަލުކޮށްފައި އޮތް "ބިބީ" އެވެ.

މިއާ ދެން ގުޅެނީ މަޖޫ އެވެ. "ބިބީ" އަކީ ޝަރަފާއި މަޖޫ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމެވެ. މި ހޮރޯ-ކޮމެޑީ އަކީ ޝަރަފުގެ އަންހެނުން އަދި އަލަށް ޑައިރެކްޝަނަށް ނުކުތް ޝަހުދާ މަހުމޫދު ލިޔެ، ޑައިރެކްޓްކޮށް ގެނެސްދޭ ފުރަތަމަ ފީޗާ ފިލްމެވެ. އެހެންވެ ފިރިމީހާ މަޖޫގެ ކެމިސްޓްރީ ދިމާކުރަން ޝަހުދާކޮށްފައި ހުރި މަސައްކަތްތައް ބަލާލުމަކީ ވެސް ޝައުގުވެރި ކަމަކަށް ވާނެ އެވެ.

ޝޫޓިން ނިންމައި "ބިބީ" މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް އިރު، މި ފިލްމަށް އިންތިޒާރު ކުރަން ޖެހޭ މުހިއްމު އެއް ސަބަބަކީ ސްކްރީނުން މުޅިން އާ ޖޯޑެއް ބެލުންތެރިންނަށް ތަޖުރިބާކޮށްލަން ލިބޭނެތީ އެވެ. އެެހެންވެ މި ފިލްމުން މަޖޫ އާއި ޝަރަފުގެ ކެމިސްޓްރީ ކިހާ ދިމާވެތޯ އާއި މި ޖޯޑު މަގުބޫލު ސްކްރީން ޖޯޑަކަށް ވެދާނެތޯ ބަލާލަން ޔަގީނުން ވެސް ފިލްމުތަކަށް ލޯބިކުރާ މީހުން ބޭނުން ވާނެ އެވެ.

މީގެ ކުރިން މަޖޫ އާއި ޖުމައްލަޔިލް ނިމާލު (ޖުމަލް) ގެ ޖޯޑު ވެފައި އޮތީ މި ފަހުން ވަރަށް މަގުބޫލުކަން ހޯދި ޖޯޑަކަށެވެ. އެ ދެ ތަރިން އެންމެ ފަހުން އެކީގައި ފެނިފައި ވަނީ ޑާކް ރެއިނުން މިދިޔަ އަހަރު ގެނެސްދިން "ނޮވެމްބާ" އިންނެވެ. މަޖޫ އާއި ޖުމަލްގެ ލޯބި ކެމިސްޓްރީ ފެނިގެން ދިޔަ އިތުރު ފިލްމުތަކުގެ ތެރޭގައި "ވާށޭ މަށާ އެކީ" އާއި "ވަކިން ލޯބިން" އަދި "އެންމެ ފަހު ވިންދާ ޖެހެންދެން" ހިމެނެ އެވެ.

ޝަރަފު މިހާތަނަށް ގިނައިން ފެނިފައި ހުރީ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އައިމިނަތު ރަޝްފާ (އާޝާ) ގެ އިތުރުން ވާޝިޔާ މުހައްމަދާ އެކީގަ އެވެ.

އެހެންވެ އޮކްޓޯބަރު 7 އަށް އިންތިޒާރު ކުރަމާ ހިނގާށެވެ. "ބިބީ" އަކީ ޝަރަފާއި މަޖޫ ވެސް ވަރަށް މަގުބޫލު ސްކްރީން ޖޯޑަކަށް ވެދާނެ އެވެ.