Last Updated: November 28, 17:45
Thursday, November 28, 2024
ޚަބަރު

ޒުވާނުންގެ ހިޔާލު ސަރުކާރަށް ދީ، އަޑުއަހާނަން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

ޒުވާނުންގެ މިނިވަން ހިޔާލު ސަރުކާރާއި ހިއްސާކުރުމަށާއި އެފަދަ ހިޔާލުތަކާ އެއްގޮތަށް ކަންކަން ބައްޓަން ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީން، އިންތިޒާމްކޮށްގެން ބާއްވާ "އަންވެއިލިންގ ވިޜަންސް 2024" މައުރަޒު ބައްލަވައިލެއްވުމަށްފަހު ކުރިއަށްދިޔަ ޙަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ ކުރިއަރައިގެން ދާނީ ރާއްޖޭގައި ތިބި ޒުވާނުންނާއި އެކިއެކި ފަންނުތަކުގެ ފަރާތްތަކަށް އެ ފުރުސަތު ސަރުކާރުން ފަހިކޮށްދީގެން ކަމަށާއި އިމާރާތްތަކެއް އެޅިޔަސް އަދި ގައުމު ކުރިއަރައިގެން ނުދާނެ ކަމަށެވެ.

އޭގެ ބަދަލުގައި ސިކުނޑިތައް ކުރިއަރައިގެން ދާން ފުރުސަތު ދޭންޖެހޭ ކަމަށާއި އެކަން ކުރެވޭނީ އެކަމަށްޓަކާ މަސައްކަތް ކުރުމުގެ ނިޔަތެއް އޮވެގެން ކަމަށްވާއިރު ސަރުކާރުގައި އެފަދަ ނިޔަތެއް އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ބޭނުންވަނީ، އަޅުގަނޑުމެންގެ ސަރުކާރަށް ބޭނުންވަނީ ތިބޭފުޅުންގެ މިނިވަން ހިޔާލު ދެއްވުން. ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު ގޮތް ހިއްސާކޮށްދެއްވުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ޒުވާނުން ހިޔާލުތައް ހިއްސާކުރުމުން އެގޮތަކަށް ކަންކަން ބައްޓަންކޮށްދެވޭތޯ ބައްލަވާނެ ކަމަށާއި އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން އަމިއްލަ ކުރިއެރުމާއި ޖަމާއަތާއި ގައުމުގެ ކުރިއެރުން ލިބިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

ރޭގެ ހަފްލާގައި ރައީސް ވަނީ ފަންނުވެރިންނަށް އެހީތެރިވުމުގެ ގޮތުން އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބަޖެޓުގައި 25 މިލިއަން ރުފިޔާ ހިމަނުއްވާނެކަން ވެސް އިއުލާންކުރައްވާފަ އެވެ.