Last Updated: September 8, 06:39
Sunday, September 8, 2024
ދުނިޔެ

އިޒްރޭލުގެ ހަމަލާތަކަށް ރަނގަޅު ރައްދެއް ދޭނަން

ޔަމަންގެ ބަނދަރު ސިޓީއެއް ކަމަށްވާ ހުދައިދާ އަށް އިޒްރޭލުން ދިން ހަމަލާތަކަށް ރައްދު ދޭނެ ކަމަށް ހޫތީ ހަނގުރާމަވެރި ޖަމާއަތުން ބުނެފި އެވެ.

އިޒްރޭލުން މި ހަމަލާތައް ދީފައިމިވަނީ އިޒްރޭލުގެ ތެލް އަވީވަށް ޔަމަންގެ ހޫތީން ޑްރޯން ހަމަލާއެއް ދީފައިވަނިކޮށެވެ. އިޒްރޭލުން ޔަމަނަށް ދިން ހަމަލާތަކުގައި ތިން މީހަކު މަރުވެ 87 މީހަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.

ހޫތީ ހަނގުރާމަވެރިން ބުނީ އިޒްރޭލުން ހަމަލާތައް އަމާޒުކޮށްފައިވަނީ ހުދައިދާ ސިޓީގެ ތެޔޮ ރައްކާކުރާ ފެސިލިޓީއަކަށާއި ޕަވާ ޕްލާންޓަކަށް ކަމަށާއި މި ހަމަލާތަަކާއި ގުޅިގެން އިޒްރޭލަށް ރަނގަޅު ރައްދެއް ދޭނެ ކަމަށެވެ. އިޒްރޭލުން މިފަދަ ހަމަލާތައް ދިނުމުގެ މައިގަނޑު ބޭނުމަކީ ޔަމަނުން ފަލަސްތީނުގެ ގާޒާ އަށް ދެމުންދާ ތާއީދު ހުއްޓުމަކަށް ގެނައުން ކަމަށާއި ނަމަވެސް އެއީ އިޒްރޭލަށް ދުވަހަކު ވެސް ކުލަ ނުޖެއްސޭނެ ހުވަފަނެއް ކަމަށްވެސް ހޫތީން ބުންޏެވެ.

މީގެއިތުރުން ހޫތީން ވަނީ އިޒްރޭލުގެ މުހިއްމު ތަންތަނަށް ހަމަލާތައް ދޭން ވެސް އެ ޖަމާއަތުން ފަސްނުޖެހޭނެ ކަމަށް ބުނެފަ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ދެމުންދާ ހަމަލާތައް ހުއްޓުވަން ބާރުއެޅުމުގެ ގޮތުން ހޫތީން އަންނަނީ ރަތްކަނޑުން ދަތުރުކުރާ އިޒްރޭލަށް ވަފާތެރި ގައުމުތަކުގެ ބޯޓުތަކަށް ހަމަލާތައް ދެމުންނެވެ.

ޔަމަނުގެ ވެރި ރަށް، ސައްނާއާއި އެގައުމުގެ އުތުރުގެ ބޮޑު ބައެއްގެ މައްޗަށް ބާރު ފޯރުވަނީ ހޫތީން ކަމަށްވާއިރު ހުޅަނގުގެ ގައުމުތަކުން ތުހުމަތު ކުރާ ގޮތުގައި ހޫތީންނަކީ އިރާނުގެ އެހީތެރިކަމާއެކު ހަރަކާތްތެރިވާ ޖަމާއަތެކެވެ.