Last Updated: October 18, 10:07
Friday, October 18, 2024
ރިޕޯޓް

އަންހެނުންނާއި ފިރިހެނުން ހަމަހަމަތަ؟

ދުނިޔޭގައި މިހާރު ފެތުރިފައިވާ އެއް ފިކުރަކީ އަންހެނުންނާ ފިރިހެނުން ހަމަހަމަކުރުމުގެ ފިކުރެވެ. އެހެންކަމުން، މި ފިކުރާ މެދު މުސްލިމެއްގެ ވިސްނުން ހުންނަންޖެހޭ ގޮތް ދެނެގަތުމަކީ މުހިންމުކަމެކެވެ.

މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގާވެއެވެ. "ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނުންކުރެ ނުވަތަ އަންހެނުންކުރެ، ޢަމަލުކުރާ މީހެއްގެ ޢަމަލު، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ. ތިޔަބައިމީހުންކުރެ އެއްބަޔަކުވަނީ އަނެއްބަޔެއްގެ ކިބައިންނެވެ." (އާލްޢިމްރާން). ޢަމަލުތަކާގުޅުވައި ވަޙީކުރެއްވި މި ބަސްފުޅުން އެނގިގެންދަނީ އެކަލާނގެ ދެ ޖިންސުވަކިން ބަޔާންކުރައްވާ ވަކި ޖިންސަކަށް އިސްކަން ނުދެއްވާ ހަމަހަމަކަމާއެކު ޢަމަލުގެ މީޒާނުގައި ހިސާބުބެއްލެވިގެންދާނޭކަމެވެ.

އެއްފަހަރެއްގައި ނަބިއްޔާ صلى الله عليه وسلم އަށް ހިނައިގަތުމާ ގުޅޭގޮތުން އުންމުސަލަމާ ރަޟިޔަﷲޢަންޙާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެކަލޭގެފާނު މިހެން ހަދީޘްކުރެއްވިއެވެ. ((إِنَّمَا النِّسَاءُ شَقَائِقُ الرِّجَالِ)) މާނަ: “ހަމަކަށަވަރުން، އަންހެނުންނާއި ފިރިހެނުން ހަމަހަމައެވެ.”(ސުނަން އަބީދާވޫދް). އެހެންކަމުން، ޝަރުޢީ ކަންކަމުގައި އަންހެނުންނަށް ޙާއްޞަ ޙުކުމެއް ނައްޞަކުން ސާބިތުނުވާހާހިނދަކު ދީނަށް ޢަމަލުކުރުމުގައިވެސް އަދި ޝަރުޢީ އެހެންކަންކަމުގައިވެސް އަންހެނަކާއި ފިރިހެނަކު ހަމަހަމައެވެ. ނަމަވެސް، ތަފާތުވެގެންދަނީ އެކަކު އަނެކަކުގެ މައްޗަށް ލައްވަވާފައިވާ ޒިންމާތަކާއި ޚަލްޤުކުރައްވާފައިވާ ގޮތެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. (لَيْسَ الذَّكَرُ كَالْأُنثَىٰ) މާނަ: “ފިރިހެންކުއްޖަކު އަންހެންކުއްޖަކާ އެއްފަދައެއްނޫނެވެ.”(އާލް ޢިމްރާން).

ފިރިހެނުންގެ މައްޗަށްވާ ޙާއްޞަ ޒިންމާތަކުގެ ވާހަކަތައް ޤުރުއާނުގައި ބަޔާންވެގެން އައިސްފައި އެބަހުއްޓެވެ. ހިތާމައަކީ،މިފަދަ އާޔަތްތަަށް ބޭނުން ގޮތަކަށް މާނަކޮށް މުސްލިމުންގެ ވިސްނުމާ ފިކުރަށް އުނދަގުވާގޮތަށް ހުޅަނގުގެ ބައެއް ފަރާތްތަކުން އިސްލާމްދީނުގެ ޙުކުމްތަކަށް ކުޑައިމީސްކުރާތަން ކޮންމެ ދުވަހަކުމެ ފެންނާތީވެ، އޭގެ އަސަރު މި މުޖުތަމަޢުއިންވެސް ފެނިގެންދިއުމެވެ.

މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގާވެއެވެ. “ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމުވެގެންތިބޭ ބަޔެކެވެ. (އެއީ) އެއުރެންގެ އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު اللَّه މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ.”(އައްނިސާ). އަދި އެކަލޭގެފާނު ހަދީޡްކުރައްވާފައިވެއެވެ. ((الرجل راع في أهله ومسؤول عن رعيته)) މާނަ: ފިރިމީހާއީ އޭނާގެ އަނބިމީހާގެ ބަލަހައްޓާ އަދި އެނާގެ ވެރިޔާއެވެ. އަދި އޭނާއަކީ އޭނާ ބަލަހައްޓަން ޙަވާލުވެވިފައިވާ މީހުންގެ ކަންތަކާމެދު ސުވާލުވެވޭނެ މީހެކެވެ.” (މުއްތަފަޤުން ޢަލައިހި) ފިރިހެނުންނަކީ އަންހެނުންނަށްވުރެ ހަށިގަނޑުގެގޮތުން ވަރުގަދަކޮށް އަންހެނުންނާ ތަފާތުކޮށް އުފައްދަވާފައިވާ ބައެކެވެ. އެހެންކަމުން އަންހެނުންނަށް ރައްކާތެރިކަންދީ ބެލެހެއްޓުމަކީ ފިރިހެނެއްގެ ޒިންމާއެކެވެ. އަދި އެެ ޒިންމާ އަދާނުކޮށްފިނަމަ އޭނާ ފާފަވެރިވެ ޤިޔާމަތް ދުވަހުން އޭނާއާ ސުވާލުވެވޭނެއެވެ.

މިސާލަކަށް، މަގުމަތިން ނުވަތަ ގެއަށް ވަގެއްފަދަ ނުރައްކާތެރި މީހަކު ވަދެއްޖެނަމަ، އޭނާގެ ކިބައިން އަންހެނާ ރައްކާތެރިކޮށްދިނުމަކީ ފިރިހެނާ ކުރަންޖެހޭ ކަމެކެވެ. އެއީ އަންހެންމީހާގެ ޒިންމާއެއް ނޫނެވެ. ހަމައެހެންމެ، އަނބިމީހާ ވަޒީފާއަށްގޮސް ކިތަންމެ ފައިސާއެއް ހޯދިކަމުގައި ވިޔަސް، އެއިން ގޭގެ ކުލި ދެއްކުމާ ފެންކަރަންޓު ބިލު ދެއްކުމާއި ކެއުމާއި އަންނައުނަށް ޚަރަދުކުރުމަށް، ކުރުކޮށް ބުނާނަމަ ޝަރުޢީގޮތުން ފިރިމީހާއަށް އަނބިމީހާގެ މައްޗަށް ޚަރަދުކުރުމަށް ކަނޑައަޅާފައިވާ ނަފަޤާގެ އެއްވެސް ޚަަރަދެއް ކުރުމަކަށް ލާޒިމެއް ނުކުރެވޭނެއެވެ. އެ ޚަރަދުތައް ކުރަން ޝަރުޢީގޮތުން ވާޖިބުވަނީ ފިރިމީހާއަށެވެ. އެކަމަކު އަނބިމީހާ ހިތުން ރުހުމުން އެކަންކަމަށް ޚަރަދުކުރުމަކީ މައްސަލައެއް ނޫނެވެ. މި ސަބަބަށްޓަކައި ޢާއިލާގެ އެންމެ އިސްފަރާތަކަށްވާންޖެހެނީ ފިރިހެނާއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. لِلرِّجَالِ عَلَيْهِنَّ دَرَجَةٌ މާނަ:”އެކަނބަލުންގެ މައްޗަށް ފިރިހެނުންނަށް ދަރަޖައެއް ލިބިގެންވެއެވެ.” (އަލްބަޤަރާ)

އެހެންކަމުން، ފިރިހެނުންނަށް އަނބިމީހާ އަނގަބަހުން ވަރިކުރުމާއި، ހަތަރު އަނބިންނާ ކައިވެނުކުރުމާއި، އަހަލުކިތާބީންނާ ކައިވެނި ކުރުންފަދަ ކަންކަން ޝަރުޢުގައި ޚާއްޞަކުރެވިފައިވަނީ އެކަންކަމުގައި އެތައް ޙިކުމަތްތަކެއް އެކުލެވިގެންވާތީއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “(ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެ (އެތަކެތި) ދެނެވޮޑިގެން ނުވާނޭހެއްޔެވެ؟ އަދި އެކަލާނގެއީ، އޯގާވަންތަކަންބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”(އަލްމުލްކް) ވީމާ، އަޅުގަނޑުމެންނަށް އޮތް އެންމެ ހެޔޮ ގޮތަކީ އެކަލާނގެ ޢަމަރުފުޅުތަކަށް ތަބަޢަވުމެވެ.

ހަނދާނުގައި ބަހައްޓަންވީ އާޔަތަކީ (الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا) މާނަ: “ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީންއެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ.”(އަލްމާޢިދާ).

ފުރިހަމަވެގެންވާ ދީނަކީ އިސްލާމްދީނެވެ. އަދި އެކަލާނގެ ރުހިވޮޑިގަންނަވާ ހަަމައެކަނި ދީނަކީވެސް އިސްލާމްދީނެވެ. ވީމާ، ފިރިހެނުންވެސް އަދި އަންހެނުންވެސް އެބަޔަކު ޚަލްޤުކުރައްވާފައިވާ ގޮތް ތަފާތުކަން ޤަބޫލުކުރަންޖެހެއެވެ. އަދި މުޖުތަމަޢެއް ބިނާކުރުމުގައި ދެ ޖިންސުގުވެސް ތަފާތު، އެކަމަކު މުހިންމު ދައުރުތަކެއް ވާކަން ދެނެގަނެ، ބޭރު ދުނިޔޭގެ މީސްމީޑިއާއިން ދައްކާހާ ވާހަކައަކަށް ނުހެއްލި ބުއްދީގެ އަހަލުވެރިން ޢަމަލުކުރާނޭ ގޮތަށް ޢަމަލުކުރުމަށް މަސައްކަތްކުރަމާތޯއެވެ؟ ނަމޫނާއެއްކަމަށް ނަބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަނބީންނާއި އަދި ޞަޙާބީން ބަލަމާ ހިނގާށެވެ. ދުޢާ އަކީ އަޅުގަނޑުމެންނަކީ ހެޔޮ ވިސްނޭ ހެޔޮބަސް ޤަބޫލުކުރާ ބަޔަކު ކަމުގައި ލެއްވުމެވެ.

ނޯޓް: އިލްމު.އެމްވީ