Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ފައިނޭންސް ފޯރަމް މާދަމާ ފަށަނީ

މި އަހަރު ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމް މާދަމާ ފަށަން ފަށަން ނިންމައިފި އެވެ.

ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ ފޯރަމް އޮންނާނީ ކުރުނބާ މޯލްޑިވްސް ރިސޯޓްގަ އެވެ.

މިއީ 2012 އިން ފެށިގެން ފޯރަމް ބާއްވަން ފެށި ފަހުން ބާއްވާ 11 ވަނަ ފޯރަމެވެ. ކޮވިޑްގެ ވަބާއާ ހެދި 2020 އާއި 2021 ފޯރަމް ބާއްވައިފައެއް ނުވެ އެވެ.

މި އަހަރުގެ ފައިނޭންސް ފޯރަމް ޝިއާރަކީ "ދަ ފިއުޗާ އޮފް ފައިނޭންސް: އެކްސްޕްލޯރިން ދަ އިންޓަސެކްޝަން އޮފް ފިންޓެކް އެންޑް އޭއައި" އެވެ.

ފޯރަމްގައި ރާއްޖެ އާއި ބޭރުގެ މާލީ ދާއިރާގެ ތަޖުރިބާކާރު ބައިވެރިވެވަޑައިގެން، ފައިނޭންސްގެ މުސްތަގުބަލުގައި ފިންޓެކް އާއި އޭއައިގެ ދައުރާއި ރާއްޖޭގެ ފައިނޭންސް ދާއިރާގައި އެ ޓެކްނޮލޮޖީތަކުގެ ދައުރަށް ވާހަކަ ދައްކަވައި ހިޔާލުތައް ބަދަލު ކުރައްވާނެ އެވެ.

މި ފަހަރުގެ ފޯރަމްގެ ސްޕީކަރުންގެ ތެރޭގައި ވޯލްޑް ބޭންކްގެ ލީޑް އިކޮނިމިސްޓް، ރޮބަޓް ޕެލާޝިއަސް ވެސް ހިމެނިވަޑައިގަނެ އެވެ.

ޕެންޝަން އޮފީހުން ބުނީ ފައިނޭންސް ފޯރަމްގެ މަގުސަދަކީ މާލީ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ރާއްޖޭގެ މާލީ ދާއިރާއާ ގުޅުންހުރި އެންމެ ފަހުގެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކޮށް މައުލޫމާތު ހޯދުމުގެ ފުރުސަތު ފަހިކޮށް ދިނުމެވެ. އެގޮތުން ފޯރަމްގައި ސަަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ކުންފުނިތަކާއި ޕްރައިވެޓް ސެކްޓާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވާނެ އެވެ.