Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

މިހާތަނަށް 43 ޖަނަރޭޓަރު ބަހައްޓައިފިން: ފެނަކަ

މި ސަރުކާރު ވެރިކަމަށް އައި ފަހުން ރާއްޖޭގެ އެކި ރަށްރަށުގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް މިއަދާ ހަމައަށް 43 ޖަނަރޭޓް ބަހައްޓާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެެވެ.

އެ ކުންފުނިން މިއަދު އާންމުކުރި ވީޑިއޯ މެސެޖެއްގައި ޑިރެކްޓަރު އަހުމަދު އިބްރާހިމް ވިދާޅުވީ މި އަހަރު ފެށުނު އިރު، ކުންފުނިން ހިދުމަތް ދެމުން އައި ގިނަ ރަށްރަށުގެ އިންޖީނުގެތަކުގެ ހާލަތު އޮތީ ރަނގަޅު ކުރަން ޖެހިފައި ކަމަށެވެ. އެގޮތުން ގިނަ ރަށްރަށުގެ ކަރަންޓް ކެޕޭސިޓީ އިތުރުކުރަން ޖެހިފައި ހުރިކަމާއި، އިންޖީނުތައް އޯވަހޯލްކުރަން ޖެހިފައި ހުރި ކަމަށް ވިދާޅުވި އެވެ.

"އާ މެނޭޖްމަންޓު ފެށުމާ އެކީ މަސައްކަތްކުރަން ފެށީ މިހާރުގެ ހާލަތު ރަނގަޅުކުރުމަށް. އެގޮތުން ޖަނަރޭޓަރު ބޭނުންވާ ތަންތަނަށް ޖަނަރޭޓަރު ހޯދުމުގެ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެން ދިޔަ،" އަހުމަދު ވިދާޅުވި އެވެ. "ދެން 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނު އިރު އަޅުގަނޑުމެންނަށް 20 ރަށަކަށް އާ ޖަނަރޭޓަރު ފޮނުވިއްޖެ."

ފެނަކަ އިން ބުނީ ހާލަތު ރަށްރަށުގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރަން އާ ޖަނަރޭޓަރުތައް ފޮނުވުމާއި، ޖަނަރޭޓަރު އޯވާހޯލްކުރަން ޖެހިފައި ހުރި ރަށްރަށުގައި އެ މަސައްކަތް ވެސް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.

އެ ކުންފުނިން ބުނީ މިހާރު ރަށްރަށުގައި އިންސްޓޯލްކޮޑްފައި ހުރި ޖަނަރޭޓަރުތަކުގެ އިތުރުން، ބޭނުން ޖެހިފައިވާ ބައެއް ރަށްރަށަށް މި އަހަރުގެ ތެރޭގައި ފޮނުވަން ނިންމާފައިވާ ޖަަނަރޭޓަރުތައް ގަތުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފެނަކަ އިން ހިދުމަތްދޭ ވަރަށް ގިނަ ރަށްރަށުން ކަރަންޓް ކެނޑޭ މައްސަލަ އަކީ މިހާތަނަށް އެކަށީގެންވާ ހައްލެއް ނުގެނެސްދެވި އޮތް ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވާ އެއް މައްސަލަ އެވެ.