Last Updated: September 8, 06:39
Sunday, September 8, 2024
ދުނިޔެ

އާނަންތާއި ރާދިކާ އަށް އަގުބޮޑު ހަދިޔާތަކެއް

މީގެ ދުވަސްކޮޅެއް ކުރިން އިންޑިއާގައި ބޭއްވި ބޮޑު ކައިވެނީގެ ހަފުލާއާ ގުޅިގެން އާނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓަށް އެކި މީހުންގެ ފަރާތުން އަގުބޮޑު ހަދިޔާތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އާނަންތަކީ އިންޑިއާގެ މަހުޖަނު އަދި ދުނިޔޭގައި 11 ވަނަ އަށް އެންމެ މުއްސަނދި މީހާ މުކޭޝް އަމްބާނީގެ ހަގު ދަރިފުޅެވެ. ހަތް މަހަށް ދެމިގެން ދިޔަ އަގު ބޮޑު ކައިވެނީގެ ރަސްމީ ހަފުލާ މި މަހުގެ 12 ގައި ބޭއްވުމަށް ފަހު، އާންނަތު، 29، އާއި ރާދިކާ، 29، ކައިވެނީގެ އެކިއެކި ހަފުލާތައް އިންޑިއާގައި ނިންމައިލީ މި މަހުގެ 15 އެވެ.

މި ކައިވެނިގެ އެކި ހަރަކާތްތަކުގައި ދުނިޔޭގެ ބައެއް މަހުޖަނުންގެ އިތުރުން ނުފޫޒު ގަދަ ބަޔަކު ބައިވެރިވެފައިވެ އެވެ.

އެގޮތުން މިހާރު ދެކެވެނީ އެ މީހުންގެ ފަރާތުން ޒުވާން ދެމަފިރިންނަށް ލިބުނު އަގުބޮޑު ބައެއް ހަދިޔާތަކުގެ ވާހަކަ އެވެ. ތިރީގައި މިއޮތީ މީގެ ކުޑަވަރެއްގެ ލިސްޓެކެވެ.

* ބައްޕަ އާއި މަންމަގެ ފަރާތުން ދެމަފިރިންނަށް ޔޫއޭއީގެ ޕާމް ޖުމޭރާ އިން ލަގްރަޒީ ވިލާއެއް (76.4 މިލިއަން ޑޮލަރު)
* އެމެޒޯންގެ ކުރީގެ ސީއީއޯ ޖެފް ބެޒޯސްގެ ފަރާތުން ބުގާޓީ ކާރެއް (1.4 މިލިއަން ޑޮލަރު)
* ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގްގެ ފަރާތުން ޕްރައިވެޓް ޖެޓެއް (36 މިލިއަން ޑޮލަރު)
* ބިލް ގޭޓްސްގެ ފަރާތުން ޖަވާހިރެއް (1.1 މިލިއަން ޑޮލަރު)
* ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗާއީގެ ފަރާތުން ހެލިކޮޕްޓަރެއް (12 މިލިއަން ޑޮލަރު)
* އެކްޓަރު/ރެސްލިން ތަރި ޖޯން ސީނާގެ ފަރާތުން ލަމްބޯގިނީއެއް (358,200 ޑޮލަރު)

މި އަގު ބޮޑު ހަދިޔާތަކުގެ އިތުރުން ވެސް އިންޑިއާގެ ވަރަށް ގިނަ ފިލްމީ ތަރިންނާއި އެ ނޫން ވެސް އެތައް ބައެއްގެ ފަރާތުން އާނަންތާއި ރާދިކާ އަށް އަގުބޮޑު އެތައް ހަދިޔާއެއް ލިބިފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކައިވެނީގެ އެކިއެކި ހަފުލާތަކަށް އަމްބާނީ އާއިލާ އިން 600 މިލިއަން ޑިލަރަށް ވުރެ ބޮޑު ހޭދައެއްކޮށްފައިވެ އެވެ. އަމްބާނީގެ މިލްކިއްޔާތު 123.3 ބިލިއަން ޑޮލަރަށް އަރަ އެވެ.