Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

އަރަބި ކިޔަވައި ދޭ އިިންސްޓިޓިއުޓެއް ގާއިމު ކުރަނީ

ރާއްޖޭގައި އަރަބި ބަސް ކިޔަވައި ދިނުމަށްޓަކައި "އަރަބިކް ލޭންގްއޭޖް އިންސްޓިޓިއުޓް" އެއް ގާއިމު ކުރަން މަޝްވަރާކޮށްފި އެވެ.

އެފަދަ ތަނެއް ގާއިމު ކުރަން ޝައުގުވެރިކަން ފާޅުކުރީ ސައުދީ އަރަބިއްޔާގެ ޔުނިވާސިޓީއެއް ކަމަށްވާ އަލް އިމާމް މުހައްމަދު އިބްނު ސައުދު އިސްލާމިކް ޔުނިވާސިޓީން ނެވެ.

އެކަމާ ގުޅޭ ގޮތުން އެ ޔުނިވާސިޓީގެ އިސްވެރިންނާއި ހަޔާ އެޑިއުކޭޝަންގެ އިސްވެރިން މަޝްވަރާ ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލުވުމުގައި، ޔުނިވާސިޓީން ވަނީ އެ އިންސްޓިޓިއުޓް ރަޖިސްޓްރީގެ މަސައްކަތާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ކޯސްތައް އެކްރެޑިޓްކުރުމާ ގުޅޭ މައުލޫމާތުތައް މިނިސްޓްރީއާ ހިއްސާ ވެސް ކޮށްފަ އެވެ. އަދި އެ އިންސްޓިއުޓް ރަޖިސްޓްރީކުރުމުން ރާއްޖެ އާއި ސައުދީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވުމަށް މަގުފަހިވާނެކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް އަރަބި ބަސް ކިޔަވައިދޭ އިންސްޓިޓިއުޓާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުން އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.

ރާއްޖޭގައި އަރަބި ބަސް ދަސްކޮށްދޭ އިންސްޓިއުޓެއް ގާއިމުކުރާ އިރު، ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔައިދޭ ސްކޫލަކަށް ހުންނަނީ މާލޭގައި ހިންގަމުން އަންނަ އަރަބިއްޔާ ސްކޫލެވެ.