Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ތާރީޚު ނުދެކޭ ފެންވަރަށް ކުޅިވަރު ކުރިއަށް ގެންދަން ބޭނުން

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭ ތާރީޚުގައި ނުދެކޭ ފެންވަރަށް ރާއްޖޭގައި އެކި ކުޅިވަރުތައް ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ "ޕެރިސް 2024 އޮލިމްޕިކްސް" ގައި ދިވެހިރާއްޖޭގެ ދިދަ އުފުލަން ހަމަޖެހިފައިވާ އެތުލީޓުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ރީތި ނަން ހޯދައިދެވޭ ފެންވަރަށް އެކި ކުޅިވަރުތައް ކުރިއެރުވުމަށްޓަކައި އިންފްރާސްޓްރަކްޗަރ ގާއިމުކުރުމާއި، އެހެނިހެން ވަސީލަތްތައް އިތުރުކޮށް ދިނުމާއި، މިފަދަ އެތައްކަމެއް އެވަނީ ޕްލޭން ކުރެވި، އަދި ކުރަން ނިންމައި، މަސައްކަތް ފެށިފައި ކަމަށެވެ. އަދި މިފަހަރު ބައިވެރިވާ ފަސް ކުޅިވަރުގެ އިތުރަށް އަދި ކުރިއަށް އޮތް މުބާރާތްތަކުގައި އިތުރު ކުޅިވަރުތަކަށް ރާއްޖޭގެ ފަރާތުން އެތުލީޓުންނަށް ބައިވެރިވުމުގެ ފުރުޞަތު ލިބޭ ފެންވަރަށް ރާއްޖޭގެ ކުޅިވަރު ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"ސަރަޙައްދީ ފެންވަރުގައާއި އަދި ބައިނަލްއަޤްވާމީ މައިދާނުގައި އޮލިމްޕިކްސްއާއި އެހެނިހެން މުބާރާތްތަކުގައި ރާއްޖޭގެ ފަރާތުން ގިނަ އެތުލީޓުން ބައިވެރިވުމަށްޓަކައި، ރާއްޖޭގައި ލިބޭ ތަމްރީނާއި އެ ލިބޭ ފުރުޞަތުތައް އިތުރުކުރުމާއި އަދި ރާއްޖެއިން ބޭރުންވެސް ތަމްރީނު ހޯދައި، ކުރިއެރުވުމަށްޓަކައި ކޮށްދެވެންހުރި ހުރިހާ މަސައްކަތެއް ތަރުތީބު ކުރެވިގެން، ރޭވިގެން ކުރިއަށް ގެންދެވޭނެގޮތަށް މަސައްކަތްތައް ތަރުތީބު ކުރުމަކީ، އަޅުގަނޑުމެންގެ ސިޔާސަތު،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި އިންފްރާސްޓްރަކްޗަރ އިތުރުކުރުމަށްޓަކައި ވަރަށް ގިނަ ކަންތައްތަކެއް ކުރިއަށްދާނެ ކަމަށާއި އަންނަ އަހަރުން ފެށިގެން ކުޅިވަރާ ބެހޭ ވުޒާރާގެ ކޮންމެ އަހަރެއްގެ ބަޖެޓުގައި ވަރަށް އިސްކަމެއް މި ކަމުގައި ދެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި ބަޖެޓު ފާސްކުރެވިގެންދާއިރު، ކުޅިވަރު ކުރިއެރުވުމަށްޓަކައި މިހާތަނަށް ރާއްޖޭގައި ނުކުރެވޭ މިންވަރަށް މަސައްކަތްކުރެވޭނެ ކަމަށާއި ރާއްޖޭ ތާރީޚުގައި ނުދެކޭ ފެންވަރަށް ރާއްޖޭގައި އެކި ކުޅިވަރުތައް ކުރިއަށް ގެންދިއުމަކީ، ސަރުކާރުގެ ސިޔާސަތު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.