Last Updated: September 8, 06:39
Sunday, September 8, 2024
މުނިފޫހިފިލުވުން

ކާތިކަށް ނެޝަނަލް އެވޯޑް ހައްގު: ސަތަރޭ

މިދިޔަ މަހު ރިލީޒްކުރި ފިލްމު "ޗަންދޫ ޗެމްޕިއަން" ގައި ޒުވާން އެކްޓަރު ކާތިކް ދައްކާފައިވާ އެކްޓިން ވަރަށް މޮޅު ކަމަށާއި އޭނަ އަށް މި ފިލްމުން އެންމެ މޮޅު ބަތަލުގެ ނެޝަނަލް އެވޯޑް ވެސް ހައްގުވާ ކަމަށް ކުރީގެ އެކްޓަރު ޝަތުރުގަން ސިންހާ ބުނެފި އެވެ.

މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ކާތިކަށް ތައުރީފު ކުރަމުން، ބަތަލާ ސޮނާކްޝީ ސިންހާގެ ބައްޕަ ބުނީ "ޗަންދޫ ޗެމްޕިއަން" އަކީ ވަރަށް ވެސް މޮޅު، ފުރިހަމަ ފިލްމެއް ކަމަށެވެ. އަދި ފިލްމުގެ އެ ހުރިހާ މޮޅު ކަމެއްގެ ހައްގުވެރިޔަކީ ކާތިކް ކަމަށް ސަތަރޭ ބުންޏެވެ.

"ފިލްމު ބަލާލީމަ އެނގޭ މިއަށް އޭނަ ކިހާ ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން. އަހަރެން ބުނާނީ އެ ކުއްޖާ އަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ ވަރަށް ޑެޑިކޭޓެޑް އެކްޓަރެކޭ" ސަތަރޭ ބުންޏެވެ. "އަހަރެން އޭނަ އަށް ވަރަށް ކާމިޔާބީ އަށް އެދެން. ނެޝަނަލް އެވޯޑްގެ އިތުރުން ވެސް އެހެން އެވޯޑްތައް މި ފަހަރު ކާތިކަށް ވަރަށް ހައްގުވޭ."

ކަބީރު ޚާން ޑައިރެކްޓްކުރި ބައޮގްރަފިކަލް ސްޕޯޓްސް ޑްރާމާ "ޗަންދޫ ޗެމްޕިއަން" ގައި ކާތިކް ކުޅުނީ ޕެރައޮލިމްޕިކްސްގައި އަލަށް އިންޑިއާ އަށް ރަން މެޑަލް ހޯދައިދިން ކުރީގެ އެތުލީޓް މުރްލީކާންތު ޕެޓްކަރްގެ ރޯލެވެ. އެ ރޯލަށް ތައްޔާރުވާން ކާތިކް ހަށިގަނޑަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެ އެވެ. އެގޮތުން މުރްލީގެ އެކި ދުވަސްވަރު ފިލްމުގައި ދައްކުވައި ދޭން ހުނަރުވެރި އެކްޓަރު ބުރަ މަސައްކަތްތަކެއްކޮށްފައިވެ އެވެ.

ޖޫން 14 ގައި ރިލީޒްކުރި "ޗަންދޫ ޗެމްޕިއަން" އަށް ކްރިޓިކުންނާއި ބެލުންތެރިން ވަރަށް ތައުރީފުކުރި ނަމަވެސް މިއީ ވިޔަފާރީގެ ގޮތުން މާ ކާމިޔާބު ފިލްމެއް ނޫނެވެ. ނަމަވެސް ކާތިކް ވަރަށް މޮޅު އެކްޓިންއެއް ދައްކުވައި ދީފައިވާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވެ އެވެ.