Last Updated: September 8, 09:48
Sunday, September 8, 2024
ޚަބަރު

ރާއްޖޭގައި 39 މީހަކު އިސްލާމްވެއްޖެ

މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު- ފޮޓޯ: ރައީސް އޮފީސް

ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި 39 މީހަކު އިސްލާމް ވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ފާއިތުވި އަށް މަސް ދުވަހު ހާސިލުކުރި ކަންކަން ހިއްސާކުރުމަށް މިއަދު ވަނީ "މީޑިއާ މައުރަޒެއް" ހުޅުވާފަ އެވެ.

އެ މައުރަޒުގައި ރާއްޖޭގައި ފާއިތުވި އަށް މަސް ދުވަހު އިސްލާމްވި މީހުންނާއި ގުޅޭ ތަފާސްހިސާބުތައް ފެންނަ ގޮތަށް ވަނީ ބަހައްޓާފަ އެވެ. އެގޮތުން ފާއިތުވި އަށް މަސް ދުވަހު ރާއްޖޭގައި 39 މީހަކު ވަނީ އިސްލާމްވެފަ އެވެ.

މީގެތެރޭގައި ހިމެނެނީ ޕިލީޕީންސްގެ އަށް މީހުންނާއި، އިންޑިއާގެ ފަސް މީހުންނާއި، ނޭޕާލްގެ ހަތަރު މީހަކާއި، އިންޑޮނޭޝިއާ، ރަޝިއާ، އިޓަލީ، ތައިލޭންޑު އަދި ސްރީލަންކާއިން ތިން މީހުންނާއި، ވިއެޓްނާމާއި ޖަރުމަނުން ދެ މީހުން އަދި ސްޕެއިން، މެލޭޝިއާ އަދި ޖަޕާނުން އިސްލާމްވި މީހެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މައުރަޒުން މި ސަރުކާރު އައި ފަހުން މިނިސްޓްރީ އަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާ ގުޅޭ ތަފުސީލީ މަޢުލޫމާތު މީޑިއާތަކަށް ލިބޭނެ ކަމަށެވެ.