Last Updated: October 18, 11:00
Friday, October 18, 2024
ދުނިޔެ

ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓަށް ކަމަލާ ވާދަކުރައްވަނީ

މިއަހަރުގެ ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވަން އެގައުމުގެ ނައިބު ރައީސް ކަމަލާ ހެރިސް ނިންމަވައިފި އެވެ.

ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވަން ކަމަލާ ނިންމެވީ، އެ ޕާޓީގެ ރިޔާސީ ޓިކެޓް އެމެރިކާގެ ރައީސް ޖޯ ބައިޑެން ދޫކޮށްލަން ނިންމެވުމާ ގުޅިގެންނެވެ. ބައިޑެން ވަނީ ރިޔާސީ ރޭހުން ވަކިވެވަޑައިގެން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓް ކަމަލާ އަށް އެރުވުމަށް ތާއީދުކުރައްވާފަ އެވެ.

ކަމަލާ ،59، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބައިޑެން ގައުމަށް ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާކުރާ ކަމަށާއި އަދި ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓަށް ބައިޑެންގެ ތާއީދު ލިބިވަޑައިގަތުމަކީ ބޮޑު ޝަރަފެއް ކަމަށެވެ. އަދި ވިސްނުން ހުރީ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކޮށް، ޓިކެޓް ކާމިޔާބު ކުރުން ކަމަށްވެސް ކަމަލާ ވިދާޅުވި އެވެ.

ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކަމަލާ އިއުލާން ކުރެއްވުމާއެކު، އެ ޕާޓީގެ ގިނަ އަދަދެއްގެ އިސް ބޭފުޅުން އަންނަނީ އެކަމަނާ އަށް ތާއީދުކުރާކަން އިއުލާންކުރަމުންނެވެ.

ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ހޮވުމަށް އަންނަ މަހު 19 އިން 21 ގެ ނިޔަލަށް އެ ޕާޓީގެ ނެޝަނަލް ކޮންވެންޝަން ބާއްވާނެ އެވެ. އެ ކޮންވެންޝަންގައި 4،000 ޕާޓީ އޮފިޝަލުންނާއި ޑެލިގޭޓުން އެއްވެ، ރިޔާސީ ކެންޑިޑޭޓް ހޮވަން ވޯޓު ދޭނެ އެވެ.

ކަމަލާ އަކީ އެމެރިކާގެ ފުރަތަމަ އަންހެން ނައިބު ރައީސެވެ. އަދި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފި ނަމަ އެކަމަނާ ވާނީ ގައުމުގެ ފުރަތަމަ އަންހެން ރައީސަށެވެ.

އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ.