Last Updated: October 18, 10:45
Friday, October 18, 2024
ދުނިޔެ

ކަމަލާ ބަލިކުރަން މާ ފަސޭހަވާނެ: ޓްރަމްޕް

އެމެރިކާގެ ރިޔާސީ އިންތިހާބުގައި އެގައުމުގެ ރައީސް ޖޯ ބައިޑެން އަށް ވުރެ އެގައުމުގެ ނައިބު ރައީސް ކަމަލާ ހެރިސް ބަލިކުރަން މާ ފަސޭހަ ވާނެ ކަމަށް، އެމެރިކާގެ ކުރީގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓް ދޫކޮށްލައްވަން ނިންމަވާފައިވާކަން ބައިޑެން ރޭ ވަނީ އިއުލާން ކުރައްވާފަ އެވެ. އެއާއެކު ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވަން ކަމަލާ ވަނީ ނިންމަވާފަ އެވެ. ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓް ކަމަލާ އަށް އެރުވުމަށް ބައިޑެން ވެސް ވަނީ ތާއީދުކުރައްވާފަ އެވެ.

ބައިޑެންގެ މި ނިންމުމާ ގުޅިގެން "ސީއެންއެން" އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ ރިޔާސީ ރޭހުގައި ބައިޑެން އަށް ވުރެ ކަމަލާ ބަލިކުރަން މާ ފަސޭހަ ވާނެ ކަމަށެވެ.

ޓްރަމްޕް ވަނީ އޭނާގެ ސޯޝަލް މީޑިއާ ނެޓްވޯކް "ޓްރުތް ސޯޝަލް" ގައި ބައިޑެން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ބައިޑެން އަކީ ގައުމު ހިންގޭ ވަރުގެ ގާބިލުކަން ހުރި ބޭފުޅެއް ނޫން ކަމަށާއި ބައިޑެންގެ ރިޔާސީ ދައުރުގެ ބާކީ ބައިގައި ބޮޑެތި ގެއްލުންތަކާ ގައުމު ކުރިމަތިލާންޖެހޭނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ވެރިކަމަށް އެނބުރި ވަޑައިގެން އެ ގެއްލުންތަކުން ގައުމު ސަލާމަތްކޮށްދެއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ރޭ އާންމުކުރެއް ބަޔާނެއްގައި ބައިޑެން ވިދާޅުވީ އެމެރިކާގެ ރައީސްކަން ކުރެއްވުމަކީ ލިބިވަޑައިގެންނެވި ބޮޑު ޝަރަފެއް ކަމަށާއި ނަމަވެސް ޕާޓީ އާއި ގައުމަށް މިވަގުތު އެންމެ ރަނގަޅު ވާނީ ވެރިކަމުގެ އިތުރު ދައުރަކަށް އޭނާ ކުރިމަތިނުލުމަށް ކަމަށް ފެންނަ ކަމަށެވެ. އަދި ދެން މަސައްކަތް ކުރައްވާނީ ދައުރުގެ ފުރިހަމަ ބައި ފުރިހަމަ ގޮތުގައި ފުރިހަމަ ކުރެއްވުމަށް ކަމަށްވެސް ބައިޑެން ވިދާޅުވި އެވެ.

ބައިޑެން ،81، މި ނިންމުން ނިންމާފައިމިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން ރިޔާސީ ޓިކެޓް އެހެން ބޭފުޅަކަށް ދިނުމަށް ޑިމޮކްރެޓިކް ޕާޓީގެ ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން ގޮވާލަމުންދިޔަ ދަނޑިވަޅެއްގަ އެވެ.

ބައިޑެން މިހާރު ގެންދަވަނީ ކޮވިޑަށް ޕޮޒިޓިވްވެ، ފަރުވާ ހޯއްދަވަމުންނެވެ. މިއީ ބައިޑެން ކޮވިޑަށް ޕޮޒިޓިވްވި ތިންވަނަ ފަހަރެވެ.