Last Updated: September 8, 06:39
Sunday, September 8, 2024
މުނިފޫހިފިލުވުން

ވަރޫންގެ އާ ފިލްމުގެ ފުރަތަމަ ޝެޑިއުލް ނިންމާލައިފި

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ޝޫޓިން ފެށި ބޮލީވުޑްގެ ތަރި، ވަރޫން ދަވަންގެ އާ ފިލްމު "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމާލައިފި އެވެ.

މި ފިލްމަކީ ވަރޫންގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކުރާ ރޮމޭންޓިކް ކޮމެޑީއެކެވެ. ޓިޕްސް ފިލްމްސްގެ ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" އަކީ ބައްޕައާ އެކީ ވަރޫން މަސައްކަތްކުރާ ހަތަރު ވަނަ ފިލްމެވެ. ދެބަފައިން ކުރިން އެކީގައި މަސައްކަތްކުރި ފިލްމުތަކަކީ ކޫލީ ނަމްބަރު 1 (2020)، ޖުޅުވާ 2 (2017) އަދި މޭ ތޭރާ ހީރޯ (2014) އެވެ.

ކާސްޓްގައި މުރްނާލް ތާކޫރާއި ދެކުނުގެ ބަތަލާ ސްރީލީލާ އާއި ކުބްރާ ސައިތުގެ އިތުރުން މަނީޝް ޕޯލް ވެސް ހިމެނޭ "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޮކްޓޯބަރު 2 ގަ އެވެ.

ވަރޫންގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ ޑިސެމްބަރަށް ތާވަލުކޮށްފައި އޮތް އެކްޝަން ތުރިލާ "ބޭބީ ޖޯން" އެވެ. އޭނަގެ ކުރިއަށް ހުރި ޕްރޮޖެކްޓަކުގެ ތެރޭގައި އަންނަ އަހަރުގެ އެޕްރީލްގައި ގެނެސްދޭން ހަމަޖެހިފައިވާ "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރު" ގެ އިތުރުން އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "ސިޓަޑެލް ހަނީބަނީ" ހިމެނެ އެވެ.