Last Updated: November 25, 05:48
Monday, November 25, 2024
ޚަބަރު

ބޭނުން ނުކުރާ އެކައުުންޓްތައް 42،000 އަށް ވުރެ ގިނަ

ރާއްޖޭގެ ބޭންކުތަކުގައި ބޭނުންނުކުރާ 42،000 އަށް ވޔރެ ގިނަ އެކައުންޓް އެބަހުރި ކަމަށާއި އެ އެކައުންޓްތަކުގައި ގިނަ އަދަދެއްގެ ފައިސާ ވެސް އެބަހުރި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

މަރުކަޒީ ބޭންކުން ބުނީ ޑޯމަންޓް އެކައުންޓްތަކުގެ އަދަދު 42،800 އަށް ވުރެ ގިނަ ކަމަށާއި އެފަދަ ކައުންޓްތަކުގައި ހަ މިލިއަން ޑޮލަރާއި 160 މިލިއަން ރުފިޔާ އެބަހުރި ކަމަށެވެ.

ޑޯމަންޓް އެކައުންޓްގެ ގޮތުގައި ބަލަނީ، އެއްވެސް މުއާމަލާތެއް ނުކުރާތާ 5 އަހަރު ވެފައިވާ އެކައުންޓްތަކަށެވެ.
އެމްއެމްއޭ އިން ބުނީ މިފަދަ އެކައުންޓްތައް ގިނަވުމުގެ ސަބަބުން ބޭންކުތަކުގެ އިދާރީ ހަރަދުތައް ވެސް އިތުރުވުމަށް ގުފަހިވަމުންދާ ކަމަށެވެ.

އެގޮތުން ޑޯމަންޓް އެކައުންޓްތަކުގެ ލިސްޓެއް ވެސް އާންމުކޮށްފައިވެ އެވެ. އެމްއެމްއޭ އިން ބުނީ ޑޯމަންޓް އެކައުންޓްތަކުގައި ހުރި ފައިސާ ނެގުމަށް އެ އެދޭ ކަމަށާއި އެކަމަށް އެދޭ ފޯމް އެމްއެމްއޭ އާއި އެތަނުގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.

ބޭންކިންއާ ބެހޭ ޤާނޫނުގެ 35 ވަނަ މާއްދާގައިވާ ގޮތުން އެއްވެސް މުއާމަލާތެއް ނުހިންގާތާ 5 އަހަރު ވެފައިވާ ނަމަ އަދި އެކައުންޓްތަކުގެ ވެރިފަރާްތަކުން ނުވަތަ ބޭންކަށް އެއްވެސް ލިޔުމެއް ފޮނުވާފައި ނުވާނަމަ، ޤާނޫނުގައި ކަނޑައެޅިފައިވާ އިޖުރާޢަތުތައް ފުރިހަމަކުރުމަށް ފަހު އެ އެކައުންޓްތައް އުވާލެވިދާނެ ކަމަށެވެ. އެ މިޙާލަތުގައި އެފަދަ އެކައުންޓެއްގައިވާ ޑިޕޮސިޓް ފައިސާ އެމްއެމްއޭގައި އޮންނަ ޚާއްޞަ އެކައުންޓެއްގައި ބެހެއްޓުމަށްޓަކައި އެމްއެމްއޭއާ ހަވާލުކުރަން ޖެހޭނެ ކަމަށް ވެސް ޤާނޫނުގައި ބުނެ އެވެ.

އެހެންވެ އެމްއެމްއޭ އިން އެދެނީ އެކައުންޓެއް ހުޅުވާފައިވާ ނަމަ އޭގެ މުއާމަލާތްތައް ކުރުމަށެވެ. އެގޮތުން މިހާރު ގެޒެޓްކޮށްފައިވާ އެކައުންޓްތަކުގެ ވެރިފަރާތްތަކުން އެކައުންޓް އެކްޓިވޭޓް ކުރުމަށް ނުވަތަ ދީފައިވާ މުހުލަތުގެ މުއްދަތުގެ ތެރޭގައި ފައިސާ ނެގުމަށް އިލްތިމާސްކޮށްފައިވެ އެވެ.